ސީލައިފުން ފްލެޓް ގަތް މީހުންނަށް ބަދަލު ދިނުން މަޑު ޖައްސާލަން އަންގައިފި

އެޕްރީލް 2، 2014: ސީލައިފް ގްލޯބަލްގެ ފްލެޓްތަކުގެ ބިންގާ އެޅުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން އާއި އެ ކުންފުނީގެ އެމްޑީ، އައްމަޓީ (ކ-2) -- ފޮޓޯ/ ރައީސް އޮފީސް

ސީލައިފްގެ ގުލޯބަލްއިން ފުލެޓްގަތް މީހުންނަށް ބަދަލު ދިނުން މިވަގުތަށް މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު އެޗްޑީސީއަށް އަންގައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު މިއަދު "ސަން"އަށް ވިދާޅުވީ ކޮމިޝަނުން އެޗްޑީސީއަށް އެގޮތަށް އެންގީ ސީލައިފްގެ ފުލެޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެއީ، ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އެހެން ނަމަވެސް، ސީލައިފް ކުންފުނިން 2014 ގެ ޖޫން މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ފެންމަތިވެފައިވެ އެވެ. އަދި އޭސީސީއިން ތުހުމަތު ކުރަނީ އެ ފައިސާއަކީ އެ ހައުސިން ޕްރޮޖެކްޓާ ގުޅުން ހުރި ފައިސާތަކެއް ކަމަށެވެ.

އެހެން ނަމަވެސް ސީލައިފުން އެކަން ދޮގުކޮށް ބުނެފައި ވަނީ، އެ ފައިސާ އަކީ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ ކާރެއް މަރާމާތުކުރުމަށް އެކި ފަހަރުމަތިން ރައީސް ޔާމީންގެ އަތުން ކުރެއްވި ހަރަދުތަކަށް އޭނާ އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ.

ސީލައިފުން 2016 ވަނަ އަހަރު، ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން 3000 އެޕާޓްމެންޓު ވިއްކަން ހުޅުވާލި ފުރުސަތުގައި އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ.

އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.

އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. އެ މައްސަލަ ހައްލު ކުރުމަށް އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިއްޔެ އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީލައިފް އިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެކުންފުނިވެސް ހިމެނޭ ގޮތަށް ކަމަށާއި އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

ސީލައިފްގެ މައްސަލައަކީ އެޗްޑީސީ އަދި ސަރުކާރުގެވެސް އެއްވެސް އިހުމާލެއް ނެތް ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، އެ ގެއްލުން ކުޑަ ކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައީ ކަމަށް އެޗްޑީސީ ގެ ބަޔާނުގައި ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީ އިން ދޭނެއެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް އެއްބަސްވެފައިވާ ކަމަށް އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

"މި އެއްބަސްވުމުގެ ދަށުން މި ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

ސަން އާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ ސީލައިފްގެ މަޅީގައި ޖެހުނު މީހުންނަށް އެޗްޑީސީ އިން ބަދަލުދެނީ ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުން ވުމުން ކަމަށެވެ. އެ ބަދަލު ސީލައިފްގެ އަތުން ހޯދައި، ރައްޔިތުންނަށް ދޭންޖެހޭނަމަ، ގިނަ ވަގުތު ނަގާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

"ސީލައިފްގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ލީގަލް ޓީމުން ދަނީ މަސައްކަތް ކުރަމުން،"

ސީލައިފް އިން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ލިބުނު ގެއްލުމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފަ އެވެ.

ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސީލައިފްއިން އެޗްޑީސީއަށް ދައްކާފައި ހުރި އެޑްވާންސް ފައިސާގެ ތެރެއިން ޑައުން ޕޭމަންޓަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ފަހު ޕްރޮޖެކްޓް އަލުން ފެށުމަށް އެ ކުންފުނިން ހުށަހަޅާފައި ވާތީ އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

comment ކޮމެންޓް