އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ރާއްޖޭގަ ނެތް: އޭސީސީ

އޭސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓީ: ނާއިލް ހުސައިން

ނަހަމަ ގޮތުގައި ދައުލަތުން ގެއްލޭ އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ފަސް މެންބަރުން އެކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ, ދައުލަތުން ގެއްލިފައިވާ މުދާ ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ފުރަތަމަ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން އެ މައްސަލައިގައި އެސެޓް ރިކަވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ވެސް ބަލާނެ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިސާލަކަށް ޖިނާއީ އޭންގަލަކުން ނުބެލޭ ކަމުގައިވިއްޔާ މަދަނީ އޭންގަލަކުން ވެސް ބަލައިގެން އަޅުގަނޑުމެން މި މައްސަލައަކީ އެސެޓް ރިކަވަރީގެ ދަށުން އެސެޓް ރިކަވާ ކުރެވޭނެ މައްސަލައެއްތޯ ބަލާފައި އެ އެންގަލަށް ބަލައިގެން އަޅުގަނޑުމެން ތަހުގީގު ކުރިއަށް ގެންދާނީ ވެސް," ޝިޔާމާ ވިދާޅުވިއެވެ.

އޭސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރު ޝިޔާމާ ވާހަކަ ދައްކަވަނީ --- ސަން ފޮޓީ: ނާއިލް ހުސައިން

އެކި މީހުން އަތުން ދައުލަތަށް ލިބެންޖެހޭ ވަރަށް ގިނަ ފައިސާތަކެއް ނުލިބިހުރިކަން ފާހަގަކޮށް ޝިޔާމާ ވިދާޅުވީ, އެއީ އާންމު ރައްޔިތުންނާ ދައުލަތުގެ މުއައްސަސާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ ފައިސާ ނުލިބިހުރުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.

"އެހެން ކަމުން އަޅުގަނޑުމެން މިހާރު މި ދަނީ އޭސީސީގެ ފަރާތުން މި އެސެޓް ރިކަވަރީ ދިރާސާއެއް ކުރަމުން. އެ ދިރާސާގަ އަޅުގަނޑުމެންނަށް އިނގޭނެ އެސެޓެ ރިކަވާ ކުރުމަށްޓަކައި ކުރެވޭނީ ކޮންކޮން ކަންތައްތަކެއް ކަމާ ކުރަން ޖެހޭނީ ކޮން ކަންތައްތަކެއް ކަން," ޝިޔާމާ ވިދާޅުވިއެވެ.

އެގޮތުން ގާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށް އަދި ގަވާއިދު އެކުލަވާލައި އެކަމާ ގުޅޭ އުސޫލުތައް ވެސް އެކަށައަޅާނެ ކަން ޝިޔާމާ ފާހަގަކުރެއްވިއެވެ.

"ސަބަބަކީ މިހާރު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ނެތް އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ގާއިމްކުރެވިފައެއް. އެހެންވީމަ އެ ނިޒާމް ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ފުރަތަމަ ދިރާސާކޮށް އެ މަސައްކަތް ކުރިއަށް މިދަނީ," ޝިޔާމާ ވިދާޅުވިއެވެ.

އޭސީސީއާ އޮޑިޓް އޮފީހުން ނިންމާ ވަރަށް ގިނަ މައްސަލަތަކުން, އެސެޓް ރިކަވަރީ ކުރަން ޖެހޭކަން ފާހަގަކޮށް ޝިޔާމާ ވިދާޅުވީ އެ ފައިސާ ދެއްކުމަށް އެންގި ނަމަވެސް ދައުލަތަށް އެ ފައިސާ ނުވަތަ ހަރުމުދާ ލިބިފައި ނުވާ ކަމަށެވެ. އަދި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން އޭޖީ އޮފީހާ ޕީޖީ އޮފީހާ ފިނޭންސް މިނިސްޓްރީ އަދި އޮޑިޓާ ޖެނަރަލް އަދި ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީއާ ގުޅިގެން ގިނަ މަޝްވަރާތަކެއްކޮށް ދިރާސާތަކެއްކޮށް އެސެޓް ރިކަވާ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށް ދަނީ," ޝިޔާމާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ދައަލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދުމަށް މިސަރުކާރުން އެސެޓް ރިކަވަރީގެ ނަމުގައި ކޮމިޝަނެއް އުފެއްދި ނަމަވެސް ދާދި ފަހުން އެ ކޮމިޝަން ވަނީ އުވާލާފައެވެ. އަދި ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ އޭސީސީންއެވެ.

comment ކޮމެންޓް