ރާއްޖޭގައި ދެލައްކައެއްހާ ބިދޭސީން އުޅޭ ކަމަށް ލަފާކުރާއިރު އޭގެ ތެރެއިން ގަވައިދާ ހިލާފު މީހުން 60،000 އަށް ވުރެ ގިނަ އެވެ. ދިވެހިންނާއި ބޭރުގެ އޭޖެންޓުންގެ ބައިވެރިވުމާއެކު، ބިދޭސީން ގެނައުމުގެ ކަންކަން މިވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފަ އެވެ.
އެއީ ދިރިއުޅެވޭނެ ވަރުގެ އާމްދަނީއެއް ހޯދުމަށް އެދޭ މަސައްކަތްތެރިޔާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މުއްސަނދިވުމަށް އޮތް މަގަކަށް މި ކަންތައްގަނޑު ބަދަލުކުރިތާ އެތައް އަހަރެއް ވެއްޖެ އެވެ.
ހިއުމަން ޓްރެފިކުކުރުމުގެ މި އަމަލުގެ ޝިކާރައަކަށް އެތައް ބަޔަކު ވެއްޖެ އެވެ.
މިކަން ހިންގާ ގޮތާއި، ބައެއްގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނަގައި އެމީހުންގެ ކިބައިން ބޮޑެތި އަދަދުން ފައިދާ ހޯދުމުގެ މި ލާއިންސާނީ ވިޔަފާރީގެ މޫތައް ފެތުރިފައި ވަނީ ވަރަށް ވެސް ދުރަށެވެ.
ބޮޑު އޮޅުވާލުމެއް!
މަސައްކަތްކުރަން އަންނަ ބިދޭސީން ރެކްރޫޓް ކުރަނީ އެގައުމުގައި ހުންނަ ރެކްރޫޓިން އެޖެންސީތައް މެދުވެރިކޮށެވެ. އެޖެންސީތަކުން މަސައްކަތަށް ނަގާ ބިދޭސިންނަކީ ރާއްޖޭގައި ހުންނަ ވިޔަފާރިއަކުން ނުވަތަ ކުންފުންޏަކުން އެދިގެން، އެމީހުންގެ ކޯޓާގައި ގެންނަ މީހުންނެވެ.
އާންމުކޮށް ކުންފުނިތަކުން ބިދޭސީއަކަށް މުސާރައިގެ ގޮތުގައި ދެނީ 175 ޑޮލަރާއި 200 ޑޮލަރާއި ދެމެދުގެ އަދަދެއް ނަމަވެސް، ރެކްރޫޓިން އެޖެންސީތަކުން ބިދޭސީންނަށް ދައްކާ މަންޒަރު ތަފާތެވެ.
ރާއްޖޭގައި ކުރަންޖެހޭ މަސައްކަތާއި ލިބޭނެ އާމްދަނީ އަދި ދިރިއުޅެން ޖެހޭ ލައިފްސްޓައިލް އެމީހުންނަށް އޮޅުވާލަ އެވެ. ރެކްރޫޓިން އެޖެންސީއިން ބިދޭސީންނަށް ދައްކާ މަންޒަރަކީ އެމީހުން ރާއްޖެ އައިސް އުޅޭ ހާލާ މުޅިން ތަފާތު މަންޒަރެ1ކެވެ. ފެންވަރު ރަނގަޅު ކޮޓަރިތަކުގައި ނިދައި، ރަނގަޅު ކާނާ ކާން ލިބޭނެ ކަމާއި، 500 ޑޮލަރުން 1،000 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ބުނެ އޮންނަނީ އޮޅުވައިލައިފަ އެވެ.
އެ އުޖޫރަ ހޯދަން ރަނގަޅު ވަޒީފާއެއް ހޯދުމުގެ އުންމީދުގައި ރާއްޖެ އަންނަ މި ބިދޭސީއިން ދައްކަން ޖެހޭ އަގު ވަރަށް ވެސް ބޮޑެވެ. ރެކްރޫޓް ކުރާ އެޖެންސީތަކުން ބުނި އަދަދަކަށް ފއިސާ ދައްކައި، ބޮޑު ޑިޕޮސިޓެއްވެސް ބަހައްޓަން ލާޒިމް ކުރެ އެވެ. ބައެއް މީހުން ލައްކައިން ފައިސާ ދައްކައެވެ. މި ފައިސާ ހޯދަނީ ދިރިއުޅޭ ގެ މޯގޭޖުކޮށްގެން ނަގާ ލޯނުން ނޫނީ އާއިލާގެ މިލްކުގައި އޮންނަ ދަނޑުބިންތައް ވިއްކައިގެންނެވެ. ރާއްޖެ އައިސް މަސައްކަތް ކޮށްގެން ލިބޭ ރަނގަޅު އަމްދަނީއިން އަމިއްލަ ގައުމުގައި އޮތް ދިރިއުޅުން ބިނާކުރުމުގެ އުއްމީދުގަ އެވެ.
އެޖެންސީތައް ބިދޭސީން މަގުމަތިކުރޭ!
މިގޮތަށް ބިދޭސިން ރާއްޖެ އައިސް މަސައްކަތް ކުރަން ފެށުމުން އެމީހުންނަށް ދެއްކި މަންޒަރާއި އަސްލު ހަގީގަތުގެ ތަފާތު ފެނި، ގަވައިދުން އެމީހުން ރާއްޖެ އެތެރެކުރި ކުންފުނީގެ މަސައްކަތުން ފިލަން މަސައްކަތް ފަށަ އެވެ. ގިނަ މީހުންނަށް މިކަން ކާމިޔާބުވެސް ވެއެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ނުވަތަ ފިލައިގެން އުޅޭ ބިދޭސީން އިތުރުވާ އެއް ސަބަބަކީ މިއެވެ. އަމިއްލަ ވަޒަނުގައި ހުރި ގެދޮރު ވިއްކާލާ ބޮޑެތި ޑިޕޮސިޓް ދައްކަން ނެގި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބިދޭސިން އެމީހުން އަމިއްލައަށް މަސައްކަތްކުރަން ފަށަންޖެހެނީ ގިނަ ބަޔެއް އެކަމުގައި އިހުމާލު ވާތީއެވެ.
މިގޮތަށް އުޅޭ ބިދޭސިން ބައެއް ފަހަރު އުޅޭތަނުން ނިކުމެގެން ގޮސް އަމިއްލައަށް މަގުމަތިން މަސައްކަތް ހޯދަ އެވެ. ކޮންމެވެސް ރައްޓެއްސެއް މެދުވެރިވެގެން ނިދައި ކައިބޮއި ހެދޭނެ ގޮތެއް ހޯދަ އެވެ. މިގޮތަށް ކުރާ މަސައްކަތުން އޭނާގެ ރަސްމީ ވަޒީފާއިން ލިބޭ އާމްދަނީއަށްވުރެ އެތައް ގުނަ ބޮޑު މުސާރަ އެމީހުންނަށް ލިބެ އެވެ.
ރާއްޖެ އަންނަ ހިސާބުން އެ މީހުންގެ ޕާސްޕޯޓްތައް އެޖެންސީއިން އަތުލަ އެވެ. އެއާ އެކު، އެ މީހުން ބަދަލު ވަނީ އައިޑެންޓިޓީއެއް ވެސް ނެތް ބަޔަކަށެވެ. ހައްދާފައި އޮންނަ ވިސާ ކާޑްގެ މުއްދަތު ހަމަވުމާ އެކު އެ މީހުން ވެގެން ދަނީ ކާކުކަން ނޭނގޭ ބިދޭސީންތަކަކަށެވެ. އެ މީހުންނަށް މުސާރަ ދިނަސް ނުދިނަސް، އެޖެންސީތަކުން އެކަމެއް ނުބަލަ އެވެ. އެ މީހުން ގެނައުމާ އެކު، އެޖެންސީތަކުގެ ޒިންމާ ނިމުނު ކަމަށްވީ އެވެ. އެކަމަކު އެ ހިސާބަކުން ނުނިމެ އެވެ. އެ މީހުން ރާއްޖެ ގެނައި ވަރުގެ މުސާރަ އާއި ބޭސްފަރުވާ ފަދަ ކަންކަން އެ މީހުންނަށް ލިބެން ޖެހޭކަން އެޖެންސީތަކުން ވެސް ކަށަވަރު ކުރަން ޖެހެ އެވެ.
ކޯޓާ ދޫކުރުން ވިޔަފާރިއަކަށް!
ކުންފުނިތަކަށް ކޯޓާ ދޫކުރުމުގައި ހަމައެއް ލަމައެއް ނެތް ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ބަލައިލުމެއް ނެތި ހިތަށް އެރި އަދަދުތަކުން ކޯޓާ ދޫކުރުމުގެ ނަތީޖާއަކަށް ވަނީ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމެވެ. އެކަން ކުރަނީ ކޯޓާ ދޫކުރުމަށް ތިބޭ މުވައްޒަފުންނާއި އޭޖެންސީތައް ގުޅިގެން ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. މީގެ ކުރިން އިމިގްރޭޝަންގެ ކޯޓާ ބައިގައި މަސައްކަތް ކުރި މުވައްޒަފަކު "ސަން"އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުގައި މާލޭގައި ހިންގާ ބޮޑެތި އެޖެންސީތަކަށް ކޯޓާ ވިއްކުމުގެ އަގު ބޮޑު ވިޔަފާރިއެއް އެ މީހުން ހިންގަ އެވެ. ބިދޭސީން ގެންނަ ދޫކުރާ ކޮންމެ ކޯޓާ އަކަށް އެ މީހުންގެ ޖީބަށް ފައިސާވަދެ އެވެ. އެ ސެކްޝަންގައި މަސައްކަތް ކުރި ބައެއް މީހުން ކުއްލިއަކަށް މުއްސަނދިވެ ބޮޑެތި ވިޔަފާރިވެސް ފަށާފައި އެބަ ހުއްޓެވެ.
"ކޮންމެ ކޯޓާއަކުން 100-50 ވަރަކަށް ޑޮލަރު ލިބޭނެ މީހަކަށް. 20-25 މީހުން ނޫނީ އެއަށް ވުރެވެސް ގިނަ މީހުންގެ ކޯޓާ މި ދޫކޮށްލަނީ. އެއީ ވަކިން ބޭރުން އެޖެންސީތަކުން އެޖެންސީތަކުން މުވައްޒަފުންނަށް ދޭ ފައިސާ،" ކުރިން އިމިގްރޭޝަންގައި މަސައްކަތް ކުރި މުވައްޒަފަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
ބިދޭސީން ރާއްޖެ ގެނެސް މަގުމަތި ކުރުމަކީ މިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެ ވިޔަފާރީގެ ތެރެއިން ލިބޭ ހުތުރު މަންފާ އެތައް ބަޔެއްގެ ތެރެއަށް ވަނީ ފޭދިގެން ގޮސްފަ އެވެ. އެކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި އާންމު މުވައްޒަފުންނާއި ބިދޭސީން ގެނައުމުގެ ވިޔަފާރިތައް ހިންގާ އޭޖެންސީތައް ބައިވެރިވެ އެވެ. މިއީ އެ މީހުންގެ ޖީބުތައް މުއްސަނދި ކުރާ ވަރަށް ވެސް ހުތުރު ވިޔަފާރި އެކެވެ. އަދި އިންސާނީ ހަމައިން ބޭރު ހަމަ ގެއްލިފައިވާ ބޮޑު ވިޔަފާރިއެކެވެ.