ބިދޭސީންގެ މައްސަލަ ފެށެނީ ދިވެހިންނާ ހަމައިން

ބިދޭސީއަކު އޭނާ އުޅޭ އެކޮމޮޑޭޝަންގެ ބޭރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި 200،000 އެއްހާ ބިދޭސީން އުޅޭ އިރު، އޭގެ ތެރެއިން 63،000 އެއްހާ މީހުން އުޅެނީ ގަވައިދާ ހިލާފަށެވެ. އެކަމާ ހައިރާންވާ ދިވެއްސެއް ނެތެވެ. ސަބަބަކަށް ވަނީ، އެވާހަކަ އަކީ އެންމެން ދަންނަ ބޮޑު ސިއްރަކަށް ވާތީ އެވެ. އެއީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއްކަން އެނގި ހުރެވެސް އެމީހުންނަށް އުޖޫރައެއް ދީގެން މަސައްކަތް ކުރުވަނީ އެއްވެސް ފަރުވާލެއް ނެތި އެވެ.

ނަމަވެސް ބިދޭސީއަކު ކުށެއް ކޮށްގެން ފަޅާއަރައިފި ނަމަ ކަންތަކާ ލައިގަތީއެވެ. އެމީހުންގެ "އުނދަގުލާ ހެދި" ދިވެހިންނަށް ނޭވާ ލެވޭ ކަމަކަށްވެސް ނުވެއެވެ. ގައުމުގައި ހިނގާ ހުރިހާ ވިޔާނުދާ ކަމެއްގެ ފަހަތުގައި ތިބީ އެމީހުން ކަމަށް ރައްޔިތުން ޝަރީއަތްކޮށް ނިންމާލަ އެވެ. ހަގީގަތަކީ ބިދޭސީން ރާއްޖޭގައި އިންތިހާއަށް ގިނަވެ، އެމީހުންގެ ގިނަ މައްސަލަތަކެއްވެސް ފެންމަތިވަމުން އަންނަ ކަމެވެ. ނަމަވެސް މި ހާލަތަށް ގައުމު ވައްޓާލުމުގައި ދިވެހިންގެ ހިއްސާ ވަރަށް ބޮޑެވެ. ހަމަ ޔަގީނުންވެސް ބިދޭސީންގެ ކަންކަން ހަމައިން ނެއްޓި، ބޮއްސުން ލުމުގައި ދިވެހިންގެ ދައުރު ބޮޑެވެ.

ބިދޭސީން ގަވައިދާ ހިލާފުވާން ދިވެހިން މަޖުބޫރު ކުރޭ!

ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭގެ ގޯޅި ގޯޅި ކަންމަތީގައާއި ޕާކުތަކުގައި "ބާކީ"ވެފައި ތިބޭ ބިދޭސީން ހަގީގަތުގައި ރާއްޖެ އަންނަނީ، ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. އަނބި ދަރީންގެ މުސްތަގުބަލު ރަނގަޅު ކޮށްދިނުމުގެ ފޮނި އުންމީދުގައި ރާއްޖެ އައި ނަމަވެސް، އެ މީހުންނަށް ކުރިތިލާން ޖެހެނީ ނިކަމެތިކަމާއެވެ. ޕާސްޕޯޓު ވީތަނެއް، އެމީހުން މާލެ ގެނައީ ކޮން ބައެއް ކަމެއް ވެސް ނޭނގޭ އެތައް ހާސް ބިދޭސީންނެއް ބާކީވެގެން އެބަ އުޅެއެވެ.

"މިހާރު ހަ މަސް ވަނީ މަސައްކަތް ނުލިބޭ. އަހަރެން ޕާސްޕޯޓް ނެތީ. ލާރި ނެތީ. ހުންނަނީ ރައްޓެހި މީހާ ގެސްޓްހައުސްގައި. އެތަނުންވެސް ކާން ދެނީ ލާރި ދެނީމަ. މަސައްކަތް ނެތީމަ ކާކު ލާރި ދެނީ؟" މާލޭގެ ބޮނޑިބަތް ޕާކުގައި ތިބި 30 އެއްހާ ބިދޭސީންގެ ތެރެއިން މީހަކާ ސުވާލުކޮށްލުމުން ދިނީ މި ޖަވާބެވެ.

މިއީ އެތަނުގައި ތިބި ގިނަ މީހުންގެ ޝަކުވާއެވެ. އެމީހުން މާލެ ގެންނަނީ ބޮޑު މުސާރައެއްގެ ހުވަފެން ދައްކައިގެންނެވެ. އަތުގައި ހުރިއްޔާ ހުރި ފައިސާއެއް އޭޖެންސީއަށް ދީފައި، ރަނގަޅު މަސައްކަތެއް ހޯދަން ރާއްޖެ އައުމުން ޖައްސަނީ ދަންތުރައެއްގައެވެ. މިހާރު އެއިން ބައެއް މީހުންނަށް ހަރަދުކުރަނީ ގައުމުގައި ތިބި އެމީހުންގެ ނިކަމެތި އާއިލާތަކުންނެވެ. ކެއުމާއި ނިދުމުގެ ހަރަދުތައް ހަމަޖައްސަނީ އެ ފައިސާއިންނެވެ. އަނބިދަރީންގެ ހައްގުގައި ރާއްޖެ އައި މީހާ ހާލުގައި ޖެހި، އެންމެ ފަހުން ވެއްޓެނީވެސް އަނބިދަރީންގެ އުނގަށެވެ.

ގިނަ ބިދޭސީންގެ ޝަކުވާއަކީ، މުޅި ދުވަހު މަސައްކަތްކުރުވާފައި، މަސް ނިމޭ އިރު އަތަށް އަރާ މުސާރަ ކުޑަވުމެވެ. ބައެއް މީހުންނަށް މުސާރަ ނުލިބޭތާ އެތައް މަހެއް ވެއްޖެއެވެ. ރާއްޖޭގެ ފަޚުރުވެރި ޓޫރިޒަމް ދާއިރާގެ ތެރެއިން ރިސޯޓަކުން ރަނގަޅު ވަޒީފާއެއް ދޭނެކަމަށް ބުނެ ރާއްޖެ ގެނެސް، އޮޅުވާލައިގެން ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރުވައެވެ.

ބިދޭސީންތަކެއް އުޅޭ ގެއެއްގެ ބޭރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީން ދިރިއުޅޭ "ގެސްޓްހައުސް"ތަކަށް ވަދެލުމުން ސުވާލު އުފެދެނީ ދިވެހީންގެ ހިތުގައި އިންސާނިއްޔަތުގެ ޒައްރެއްވެސް އޮތްކަމާ މެދު އެވެ. ކުޑަ ގޮޅިއެއްގެ ތެރެއަށް 15 މީހުން "ކޮއްޕާފައި" ތިބޭ އިރު، ބުރަކަށި ޖައްސާލާނެ ގޮދަޑިގަނޑެއްހާ ހިސާބުވެސް ނުދެ އެވެ. ނިންދަވަނީ ފިލާ ގަނޑެއްގެ މަތީގަ އެވެ. އެންމެން ބޭނުން ކުރަން ޖެހެނީ އެންމެ ފާހާނާ އެކެވެ.

ފެންނަ ފެނުމުން މިއަށް ވުރެ ރަނގަޅަށް ޖަނަވާރުންނާ މެދުވެސް ކަންތައް ކުރެ އެވެ. މުޅި ދުވަހު އަވީގައި ލޯބޯ ފިއްސައިގެން ލިބޭ އުޖޫރައަށް ވުރެ، މަގުމަތިން ލިބޭ މަސައްކަތް ކޮށްލައިގެން ލިބޭ އާމްދަނީވެސް މާ ރަނގަޅެވެ. އެހެންކަމުން ގަވައިދާ ހިލާފުވެ، މަސައްކަތްކުރަމުން ދިޔަ ތަނުން ފިލަން އެމީހުންނަށް މާ ފައިދާވެ އެވެ.

ގަވާއިދާ ހިލާފު ވިޔަސް އަޅައެއް ނުލާ!

ބިދޭސީންގެ ތެރޭގައިވެސް ގަސްތުގައި ގަވައިދާ ހިލާފުވާ މީހުންނާއި މަޖުބޫރުވެގެން ގަވައިދާ ހިލާފުވާ މީހުން އުޅެ އެވެ. މާލެއަށް މަސައްކަތްކުރަން އަންނަ މީހާ ފިލައިގެން އަތޮޅުތެރޭގެ ރަށަކަށް ދިއުމަށްފަހު ދެން އެމީހަކަށް ދުނިޔެ ހިތަކަށް ލިބުނީ އެވެ. ކަމާބެހޭ ފަރާތްތަކުގެ މާބޮޑު އުނދަގުލަކާ ނުލައި އެ ރަށަކުން މަސައްކަތް ހޯދައިގެން އުޅެންވީ އެވެ. މިގޮތަށް ރަށްރަށަށް ދާ މީހުންގެ އަތުގައި ވޯކްޕާމިޓާއި އާ ލިޔެކިޔުންތައް ހުރިތޯ ރަށު ކައުންސިލުތަކުން ނުބަލައެވެ. ކޮންމެ އަތޮޅެއްގައި ފުލުސް އޮފީހެއް ހުރި ނަމަވެސް ގަވައިދާ ހިލާފު ބިދޭސީން ހޯދަން އުޅޭކަމެއްވެސް ނޭނގެ އެވެ.

ހިތާމައަކީ މިކަމުގައިވެސް ދިވެހީން ހޯދަނީ "ފަސޭހަ ގޮތް"ކަމުގައި ވުމެވެ. ގަވައިދާ ހިލާފަށް، އަދި މަގުމަތިން މަސައްކަތް ނަގައިގެން އުޅޭ ބިދެސީން ލައްވާ ކަންކަން ކުރުވަން ފަސޭހަ އެވެ. ވިސާ އާކުރުމާއި އެހެނިހެން ޒިންމާތަކުން ރެކިގެން ތިބެ، ބޭނުންވާ މަސައްކަތްތައް ކުޑަ އަގުގައި ނިންމާލަނީ އެވެ. ބިދޭސީ މީހާ ބަލިވިޔަސް ދިވެއްސެއްގެ މައްޗަށް ގާނޫނީ ގޮތުން އެއްވެސް ޒިންމާއެއް ނެތެވެ.

ނަތީޖާއަކީ ދިވެހިންގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް އެގޮތަށް އުޅުމުގެ ފުރުސަތު ފަހިވުމެވެ. ދެން ގައުމުގައި ތިބި އެމީހުންގެ އާއިލާ މީހުންވެސް ޓުއަރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ކޮންމެސް ރަށެއްގައި ނުވަތަ މާލޭގެ "ގެސްޓްހައުސެއްގައި" ފިލަނީ އެވެ. އޮޅުވާލުމެއްގެ ތެރެއިން ރާއްޖެ އެތެރެވެ، މިތަނުގައި ދިރިއުޅެން މާ އުނދަގުލެއް ނޫނެވެ.

ބިދޭސީއަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިކަމުގައި ދައުލަތުގެ ގިނަ އިދާރާތަކުގެ ދޯދިޔާކަމާއި އިހުމާލު އޮވެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ، އެކަށީގެންވާ ގޮތަކަށް "ޑީލް" ނުކުރެވެ އެވެ. ބިދޭސީންގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމެއް ނެތްފަދަ އެވެ. ދޭތެރެއަކުން އޮޕަރޭޝަނެއް ހިންގައި، ގިނަ ބަޔަކު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެ އެވެ. އެކަމަކުވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދެއް ނުވެ އެވެ.

މިދިޔަ އޭޕްރިލް މަހު ށ. ޅައިމަގުގައި ލުތުފަރު ކިޔާ ބަންގްލަދޭޝް މީހަކު މަރާލި ހާދިސާއަށް ބަލާއިރު، ލުތުފަރުގެ އިތުރުން އޭނާ މަރާލުމުގައި ބައިވެރިވި އެގައުމުގެ ތިން މީހުންނަކީވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބައެއްކަން ތަހުގީގަށް ހާމަވި އެވެ. އެމީހުން މަސައްކަތްކުރި ދޯނީގެ ވެރިފަރާތަށްވެސް މިކަން އެނގެން ޖެހޭނެ އެވެ. ނަމަވެސް އެކަން ނުބަލައި ދޫކޮށްލިނަމަ އެއީ ބޮޑު މައްސަލައެކެވެ.

މާލޭގެ ކަންމަތީ ފިހާރަތަކާއި ގެސްޓްހައުސްތައްވެސް ބިދޭސީން ހިންގާކަން އެންމެންނަށް އެނގެ އެވެ. އެ ފުރުސަތު ފަހިކޮށްދެނީވެސް ދިވެހީންނެވެ. މަސް ނިމޭއިރު ވަކި ވަރަކަށް ވެރިމީހާއަށް ފައިސާ ދޭ އިންތިޒާމެއްގެ ދަށުން، މުޅި ވިޔަފާރި ހިންގަނީ ބިދޭސީންނެވެ. އެމީހުންގެ ނުފޫޒު ގަދަވެ، ވިޔަފާރިތަކަށް އަތްގަދަކޮށް، އެމީހުންގެ ގޭންގުތައް ވެސް ހިންގަން މަގު ފަހިކޮށްދީފައި މިވަނީ ދިވެހިންނެވެ.

މި އިޖުތިމާއީ އަދި އިގްތިސާދީ ބޮޑު މައްސަލައިގެ މުލުގައި، ނޭނގުމެއްގެ ތެރެއިން ނަމަވެސް ތިބީ ދިވެހީންނެވެ. ދިވެހީންގެ ކިބައިގައި އަށަގެންފައިވާ ކަންނެތްކަމާއި ފަރުވާކުޑަކަމާއި ކަންކަން "ވަރިހަމަ ކޮށްލުމުގެ" އާދައިގެ ސަބަބުން ހީވަނީ މިއީ ތިމާއާ ސީދާ ބެހޭ ކަމެއް ނޫން ކަމެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ކުރިން މި މައްސަލައިގެ ސީރިއަސްކަން ދެނެގަންނަންޖެހެނީ ދިވެހީންނެވެ. ދާއިމީ ހައްލެއް އަންނާނީ އޭރުންނެވެ.

comment ކޮމެންޓް