ސޯމާލިއާގެ ހޮޓަލަކަށް ހަމަލާދީ 26 މީހުން މަރާލައިފި

ސޯމާލިއާގެ ފުލުހުން ބުނާ ގޮތުގައި ހަމަލާ 14 ގަޑި އިރަށް ދެމިގެންދިޔަ -- ފޮޓޯ: އޭއެފްޕީ

މޮގަދިޝޫ (ޖުލައި 13): ސޯމާލިއާގެ ކިސްމަޔޯ ސިޓީގައި ހުންނަ ހޮޓަލެއް ބަޔަކު އިއްޔެ ހިސާރު ކުރުމަށް ފަހު ދިން ހަމަލާތަކުގައި 26 މީހުން މަރާލައިފި އެވެ.

ސޯމާލިއާގައި އަމިއްލަ ވެރިކަމެއް އޮންނަ ޖުބަލަންދުގައި އެހަމަލާ ދިނީ އަލް ގައިދާއާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން ކަމަށް އެސަރަހައްދުގެ ރައީސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ކިސްމަޔޯ ސިޓީގެ ފުލުހުން ބުނި ގޮތުގައި 14 ގަޑި އިރަށް ދެމިގެންދިޔަ އެހަމަލާ އިއްޔެ ފެށީ އެސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް ފަރާތްތައް މަދީނާ ހޮޓަލަށް އެއްވެފައި ވަނިކޮށެވެ. އަދި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސިޔާސީ އިސް ފަރާތްތަކާއި ނޫސްވެރިންވެސް ހިމެނެ އެވެ.

އެހަމަލާ ދިން މީހުން ހޮޓަލަށް ވަނީ ބޮން ހަރުކޮށްފައިވާ ކާރެއް ހޮޓާ ތެރެއަށް ވައްދާ، އެއުޅަނދު ގޮއްވާލުމަށް ފަހުގަ އެވެ. އަދި ފަހުން ވަނީ ހޮޓަލުގައި ތިބި މީހުންނަށް ބަޑިން ހަމަލާދީފަ އެވެ.

އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކެންޔާ، ޓެންޒޭނިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ކެނެޑާއަށް ނިސްބަތްވާ މީހުންވެސް ހިމެނެ އެވެ.

ސޯމާލިއާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ އަލް ޝަބާބުން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގައުމުގެ އަސްކަރިއްޔާއިން ސޯމާލިއާގައި އަލް ޝަބާބަށްދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް އެޖަމާއަތުން އަދިވެސް ދަނީ ސޯމާލިއާގެ ދެކުނާއި މެދުތެރޭގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް