ޔަމަނުން ޔޫއޭއީ ގެ ސިފައިން ފައިބާކަން ކަށަވަރުކޮށްދީފި

ޔޫއޭއީގެ ސިފައިން ޔަމަނުން ފައިބަނީ

އަބޫދަބީ (ޖުލައި 8): ޔަމަނުން ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ ސިފައިން ބާލަމުން ގެންދާކަމަށް ފެރުރެމުންދާ ޚަބަރުތަކަކީ ހަގީގަތެއްކަމަށް އެގައުމުގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަންހާމަކުރަން ނޭދޭ ޔޫއޭއީގެ މަސްއޫލުވެރިއަކު ވިދާޅުވީ ޔޫއޭއީގެ ސިފައިން ބާލަމުން ގެންދާ ސަރަހައްދުތަކުގެ ތެރޭގައި ޔަމަންގެ ދެކުނުގެ އަދަން ބަނދަރާއި ރަތްކަނޑުގެ އައްސޭރިފަށުގައިވާ ޔަމަންގެ ހުޅަނގުގެ ސަރަހައްދުތައް ހިމެނޭކަމުގައެވެ. އެތަންތަނުގައި ތިބޭ ޔޫއޭއީ ސިފައިންގެ އެއްބައަކު އަނބުރައި ގައުމަށް ގެންނައިރު މަދުއަދަދެއްގެ ސިފައިން ޔަމަންގެ އެހެން ސަރަހައްދުތަކުގައި އަލުން ރުކުރުވާލަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔަމަންގެ އަދަންގައި މަރުކަޒުކޮށްފައިވާ ޔޫއޭއީގެ ސިފައިންގެ ގިނަބައަކު އަނބުރައި ގައުމަށް ގެންގޮސްފައިވާއިރު ޔަމަންގައިވާ ޔޫއޭއީގެ ގިނަ ހަތިޔާރުތަކެއްވެސް ވަނީ ކަނޑުމަގުން ގެންދިޔުމަށްޓަކައި ބޮޑެތި އާގު ބޯޓު ތަކަކަށް އަރުވާފައެވެ. ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ވަނީ ގަލްފު ސަރަހައްދުގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ދާދިފަހުން ދިން ޙަމަލާތަކުގެފަހަތުގައިވަނީ އީރާންކަމަށް ތުހުމަތު ކުރެއްވުމަށް ފަސްޖެހިވަޑައިގެންފައެވެ.

ނަމަވެސް ކުރިން ޔޫއޭއީގެ މަސްއޫލުވެރިންވަނީ އެކަމުގެ ފަހަތުގައި އީރާން ވާކަމަށް ތުހުމަތު ކުރައްވައި ބަޔާންތައް ދެއްވާފައެވެ. އަދި އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯން ބޯޓެއް ވައްޓާލި ޙާދިސާއަށްފަހު ޔޫއޭއީ ގެ މަސްއޫލުވެރިންވަނީ ބިރު ހީވެވަޑައިގެން ގަލްފުގެ މަސްރަހު ހޫނުކުރުމުގެ ބަދަލުގައި ފިނިކުރަން މަސައްކަތްކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ޔަމަނުން ޔޫއޭއީ ގެ ސިފައިން ބާލަމުން ގެންދާކަން ހާމަކުރެއްވި ޔޫއޭއީގެ މަސްއޫލުވެރިޔާ ވަނީ ޔަމަންގައި ޔޫއޭއީ މިހާތަނަށް ގެންގުޅުނު އަސްކަރީ ސްޓްރެޓެޖީ ސުލްހައިގެ ސްޓްރެޓެޖީ އަކަށް ބަދަލުކުރަމުން ގެންދާކަންވެސް ކަށަވަރުކޮށް ދެއްވާފައެވެ.

ޔަމަނުން ފައިބަން ޔޫއޭއީއަށް މަޖްބޫރުވި ސަބަބުތަކުގެ ތެރޭގައި ޔޫއޭއީގެ އިއްތިޙާދުގައި ހިމެނޭ ދުބާއި ފަދަ އެހެން އެމިރޭޓްސްތަކުން އެހަނގުރާމައަށް ދެކޮޅު ހެދުމާއި ޔޫއޭއީގެ ސިފައިން ޔަމަންގައި މަރުވަމުންދިޔުމާއި އީރާނާ ކުރިމަތިލާންޖެހިއްޖެ ހާލަތެއްގައި ޔޫއޭއީގެ އެތެރޭގެ ދިފާއުތައް ވަރުގަދަކުރަން މަޖްބޫރުވުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޔަމަނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޔަމަންގެ އިންފްރާސްޓްރަކްޗާ ހަލާކުވެ ޔަމަންގެ އާންމުން މަރުވެ އެތަށް މިލިޔަން ބަޔަކު ބަނޑަށް ޖެހިފައިވުމަކީ އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައުގައި ޔޫއޭއީ ކުށްވެރިވެ އެގައުމުގެ އަގުވެއްޓެމުންދާކަމެއްކަމުގެ އިހްސާސް ޔޫއޭއީގެ މަސްއޫލުވެރިން ކުރައްވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ޔަމަންގެ ހޫޘީން އަސްކަރީ ގޮތުން ބަލިކުރުމުގައި ސައޫދީ އާއި ޔޫއޭއި ނާކާމިޔާބުވުމާއި ޔަމަންގެ ހަނގުރާމަ ދިގުލައިގެން ދިޔުމާއި ޔަމަންގައި ސައޫދީ އާއި ޔޫއޭއީގެ މަސްލަހަތުތައް ފުށުއެރުމާއި ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެގެން ދިޔުމަކީވެސް ޔަމަނުން ފޭބުމަށް ޔޫއޭއީ ނިންމި ސަބަބެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް