އުތުރު ޔަމަނަށް އދ.އިން ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ މެދުކަނޑައިލައިފައިވާ ކަމަށް އދ.ގެ ކާބޯތަކެއްޗާބެހޭ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.
ކާބޯތަކެތި ދިނުން މެދުކަނޑައިލައިފައިވަނީ ފަންޑުގެ ދަތިކަން ކުރިމަތުވުމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ފަގީރުންނަށް ފޯކަސް ކުރާނެ ގޮތަކާ މެދު ޔަމަނުގެ އިދާރާތަކާއި ޚިޔާލު ތަފާތުވުންތަކެއް ހުރުމުން ކަމަށް ޑަބްލިޔުއެފްޕީ އިން ބުނެއެވެ.
ޔަމަނަށް ދޭ ކާބޯތަކެތީގެ އެހީ މެދުކަނޑައިލަން ނިންމީ އެހީ ދޭ ފަރާތްތަކާ މަޝްވަރާތައް ކުރުމަށްފަހު ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
މަޝްވަރާތަކަށް އަހަރެއްހައި ދުވަސް ނެގިކަމަށާއި ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ އަދަދު 9.5 މިލިއަނުން 6.5 މިލިއަން މީހުންނަށް މަދުކުރުމަށް ވެސް އެހީ ދޭ ފަރާތްތަކާއެކު އެއްބަސްވެފައިވާ ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
ޘަނާ އާއި ޔަމަނުގެ އުތުރުގެ ސަރަހައްދުތައް އޮތީ އީރާނާ ގުޅިފައިވާ ޙޫޡީ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެ ޖަމާއަތުން 2014 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުގެ ތާއީދު އޮންނަ ޔަމަނުގެ ޖަމާއަތަކާ ހަނގުރާމަ ކުރަމުންނެވެ.
މިދިޔަ ދެ އަހަރު ތެރޭގައި ހަނގުރާމައަށް މަޑުޖެހުމެއް އައިސްފައި އޮތް ނަމަވެސް ޔަމަނުގެ އެތައް މިލިއަން މީހުންނެއް ކާބޯތަކެތި ހޯދުމުގައި އަދިވެސް ބަރޯސާވެފައި އޮންނަނީ އިންސާނީ އެހީތެރިކަމަށެވެ.
ޔަމަނުގައި ހިނގާ ހަނގުރާމައަކީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ.އިން ސިފަކުރެއެވެ.
ޔަމަނަށް ކާބޯތަކެތި ފޯރުކޮށްދިނުން މެދުކަނޑައިލަން ނިންމިއިރު، ސޫރިޔާއަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުން އަންނަ ޖެނުއަރީ މަހު ހުއްޓާލާނެ ކަމަށް ވެސް ޑަބްލިއުއެފްޕީ އިން ވަނީ ބުނެފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައި ނަމަވެސް، ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމާއި ބޭކަރީތައް ހިންގުންފަދަ އެހީ ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.