ނަސްލީ އިމްތިޔާޒާ ގުޅިގެން މަންޑޭލާގެ ކާފަދަރިކަލުންގެ ފާޑުކިޔުން އިސްރައީލަށް

ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން ޒުވެލެވްލިލޭ މަންޑޭލާ--

ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން ޒުވެލެވްލިލޭ މަންޑޭލާ އިސްރާއިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާއި ދެކުނު އެފްރިކާގެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިވެންޓުގައި، ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ ޒުވެލެވްލިލޭ ވަނީ ދެކުނު އެފްރިކާގައި ކުރިން އޮތް ނަސްލީ އިމްތިޔާޒުގެ ދުވަސްވަރާއި އަދި އިސްރާއިލްގައި މިހާރު އޮތް ނަސްލީ އިމްތިޔާޒާ އަޅާކިޔައިފައެވެ.

ޔަހޫދީންގެ ތަރީހީ ބިމެއްކަމަށް އިސްރާއިލުން މިދިޔަ އަހަރު ފާސްކުރި ބިލާ ބެހޭގޮތުން އޭނާ ވިދާޅުވީ އޭގެން އިސްރާއިލުގެ ހަގީގީ ސޫރަ ވަރަށް ބޮޑަށް އެނގިގެން ގޮސްފި ކަމަށެވެ.

އިސްރާއިލަކީ ހަމައެކަނި ޔަހޫދީންގެ ބިމެއް ކަމަށް ގާނޫނުގައި ބުނުމަކީ އެތަނުގައި ދިރިއުޅޭ އެހެން މީހުން އެމީހުން އެތަނުގައި އުފަންވިޔަސް ދެވަނަ ދަރަޖައިގެ މީހުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދެކުނު އެފްރިކާގެ ކަޅު މީހުންގެ ގަދަރާ އިއްޒަތަށާއި އަދި އެމީހުންނަށް ކޮންމެ ދުވަހަކު ލިބެމުންދިޔަ އަނިޔާތަކާއި ފަލަސްތީނުގެ މީހުންނާ އެއްގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުވެލެވްލިލޭ ވަނީ ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިއީ އިސްރާއިލު އިތުރަށް ބާރުގަދަކުރުމަށް އެކުލަވާލި ޕްލޭންއެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް