އާމްދަނީގެ ފައިދާ އެންމެބޮޑަށް ލިބެންވާނީ ދިވެހީންނަށް: މައުމޫން

އެމްއެމްއޭގެ 38 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ރާއްޖެއަށް ލިބޭ އާމްދަނީގެ ފައިދާ އެންމެބޮޑަށް ލިބެންވާނީ ދިވެހިންނަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ 38 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ގައުމީ ފުދުންތެރިކަން އިތުރުވާނެ ސިޔާސަތުތައް ރޭވުމަކީ މުހިއްމުކަމެއް ކަމަށެވެ. އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރުކަންވެސް ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ރާއްޖެއިން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓުމުގެ އިތުރު ގޮތްތަކެއްވެސް ހޯދަންޖެހޭ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެކަންތައް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު ކުރިއަރާ މަނިޓަރީ ސިޔާސަތުތައް ހަރުދަނާ ވުމަކީ ގައުމުގެ ތަރައްގީ އާއި ގައުމުގެ ހަމަޖެހުން އެކަމުގެ މައްޗަށް ބިނާ ވެފައި އޮންނަ ކަމެއް،"

އެމްއެމްއޭ އުފެދުނުގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ 1976 ވަނަ އަހަރުން ފެށިގެން ކޮމާޝަލް ބޭންކުތަކުން ރާއްޖޭގެ އިގްތިސޯދުގައި ހަރަކާތްތެރިވާން ފަށައިފި ކަމަށާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި އެ ބޭންކުތަކުގެ އެހީ ހޯދަން ފެށި ކަމަށެވެ.

"އޭރު ފަތުރުވެރިކަމުގެ ދާއިރާއިން ސީދާ ލިބޭ ބޭރުފައިސާގެ އަދަދު ދިޔައީ އިތުރުވަމުން، އަދި ރާއްޖޭގެ އިގްތިސޯދީ ދުވެލި ކުރިއައަރަމުންދިޔައީ ނުހަނު ހަލުވިކޮށް. ނަމަވެސް ބޭރުފައިސާގެ އަގު އުޅެމުންދިޔައީ އެކި ދާއިރާތަކުގައި އެކިގޮތަށް،" އެކަންކަމަށް ގަވައިދު ހެދުމުގެ ބާރު އޭރު ނެތް ކަމަށާއި ރާއްޖޭގެ މާލީ ސިޔާސަތުތައް ހިންގާނެ މަރުކަޒީބޭންކެއްގެ މުހިއްމުކަން އިހުސާސްވި ކަމަށެވެ.

އައިއެމްއެފްގެ ލަފަޔާއެކު އެމްއެމްއޭގެ ގާނޫނު އެކުލަވާލާ އެ ބޭންކު ވުޖޫދަށް އައި ކަމަށާއި އެ މުވައްސަސާއަކީ ދިވެހި ފައިސާ އާއި މާލީ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ބޭންކެއް ކަން މައުމޫނު ފާހަގަ ކުރެއްވިއެވެ.

"އެމްއެމްއޭގެ ސަބަބުން ދިވެހި ފައިސާގެ އަގު ހިފެހެއްޓިފާވާލެއް ހަރުދަނާކަން އެއީ ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެއަށް ތައުރީފު ލިބެ ކަމަކަށް ވަނީ ވެފައި. އަދި ރާއްޖޭގެ އިގްތިސޯދާމެދު ބޭރު ގައުމުތަކުގެ އިތުބާރު ލިބޭ ކަމަކަށް ވަނީ ވެފައި،" މައުމޫން ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި އެމްއެމްއޭ އިން އިތުބާރު ހޯދާފައިވާ ކަމަށާއި ފާއިތުވި 38 އަހަރު ތެރޭ އެމްއެމްއޭ އިން ކުރި މަސައްކަތްތައް ރައްޔިތުން ގަބޫލު ކޮށްފައިވާ ކަމަށެވެ.

މައުމޫނު ވިދާޅުވީ ވެރިކަމުގެ ސިޔާސަތުތައް ބަދަލުވަމުން ދިޔަ ނަމަވެސް އެމްއެމްއޭގެ މަސައްކަތްތަކަށް ރައްޔިތުން ކުރާ އިިތުބާރު ދެމި އެބައޮތް ކަމަށެވެ.

comment ކޮމެންޓް