ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިސްނަގައިގެން ކުރިޔަށްގެންދާ "ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް) ގެ 3 ވަނަ ޕްރޮގްރާމް، ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
ރަފީ ޖަމިއްޔާގެ މީޑިއާ އެންޑް ޕީއާރު ކޮމެޓީގެ ޗެއާޕާސަން ރިޝްފާ އައްބާސް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ޕްރޮގްރާމްގައިވެސް 75 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިގަތް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ޔޫތު ސެންޓަރުގައެވެ.
" މިފަހަރުވެސް އަޅުގަނޑުމެންނަށް ވަަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ޕްރޮގްރާމްގެ ބައިވެރިން ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަން. ޕްރޮގްރާމްގައި ބަހުސްކުރެވުނު ހަމަ އަޅުގަނޑުމެން މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަންތައްތަކާ ބެހޭގޮތުން." ރިޝްފާ ވިދާޅުވިއެވެ.
ރިޝްފާ ވިދާޅުވީ މިފަހަރުގެ ޕްރޮގްރާމްގައި ޓީމް ބިލްޑިންގްއާއި ތަފާތު އުނދަގޫ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި އަދި އެކި ބަދަލުތަަކަށް ހޭނޭނެގޮތާބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިންނަށް ތަފާތު ކަރުދާސްތައް ދީ އެކި މައުލޫތަތަކަށް އެ ބައިވެރިންގެ ހިޔާލުތައްވެސް ހުށަހެޅުނު ކަމަށްވެސް ރިޝްފާ ވިދާޅުވިއެވެ.
މިއަދުގެ ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ދެ ސިގްނޭޗަރ ސްޕީކަރުން ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި މައްސޫދު އަލީއެވެ.
ޒުވާނުން ބާރުވެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމުގެ މަގުސަދުގައި 2016 ވަނަ އަހަރުން ފެށިގެން ރަފީ ޖައިއްޔާއިން ކުރިޔަށްގެންދާ ވައިމާސް ޕްރޮގްރާމަކީ ޒުވާނުންގެ މަދުގައި މަގުބޫލް، ފުރިހަމަ ނަތީޖާއެއް ދައްކުވައިދީފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން ސިންގަޕޫރުގެ ނަން މާޝްހޫރު ޔުނިވަރސިޓީ؛ އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ މިޕްރޮގްރާމް 600 އަށް ވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފައިވާ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ. އަދި މިޕްރޮގްރާމުގެ ހުރިހާ ބައިތަކެއް އެންމެ ފުރިހަމަ ގޮތެއްގައި ފުރިހަމަ ކުރި ޒުވާނުން ހޮވާލެވި ޖުމްލަ 31 ފަރާތެއް ދަނީ ރަފީގެ މިލީނިއަމް ޔޫތް އެމްބެސެޑަރެއްގެ ގޮތުގައި ނަމޫނާ ދައްކަމުންނެވެ.