ރީޖަނަލް އެލައެންސް ފޯ ޔޫތު (ރަފީ)ޖަމިއްޔާއިން ރޭ ހަތަރު ދާއިރާއަކުން އަންހެނުންނަށް އެވޯޑު ދީފިއެވެ.
އެ ޖަމިއްޔާގެ ހަ ވަނަ އަހަރީ ދުވަހާއި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަދި ވިމެން ހީރޯ ޕްރޮގްރާމްގެ ދަސްވެނިންނަށް ހަނދާނީ ފިލާ ހަވާލުކުރުމަށް ރޭ ބޭއްވި ހަފްލާގައި ސާޅީހަށް ވުރެ ގިނަ މީހުންނަށް ވަނީ އެވޯޑުދީފައެވެ.

ރަފީ ޖަމިއްޔާއިން ބޭއްވި އެވޯޑް ހަފްލާގެ ތެރެއިން. ސަން ފޮޓޯ/ މުހަންމަދު ނާއިލް
މާލޭގައި ހުންނަ، ދިމްޔާތު ސްޓޭގެ މީޓިން ހޯލްގައި ބޭއްވި އެ ހަފްލާގައި އެވޯޑު ދީފައިވާ ހަތަރު ދާއިރާއަކީ އޯސަމް ޓީމް މެމްބާ ރިކޮގްނިޝަން އެވޯޑާއި، ވިމެން ހީރޯ ގްރެޖުއޭޓް އެވޯޑާއި ވިމެންސް ލީޑާޝިޕް އެވޯޑް 2022 އަދި ލެކްޗަރާސް އެވޯޑެވެ.
އޭގެ ތެރެއިން ވިމެން ހީރޯ ގްރެޖުއޭޓް އެވޯޑު 19 މީހަކަށް، ލީޑާޝިޕް އެވޯޑު 10 މީހަކަށް އަދި ލެކްޗަރާސް އެވޯޑު ހަ މީހަކަށް ދީފައިވެއެވެ.

ރަފީ ޖަމިއްޔާއިން ބޭއްވި އެވޯޑް ހަފްލާގެ ތެރެއިން. ސަން ފޮޓޯ/ މުހަންމަދު ނާއިލް
އެ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ އުރީދޫ ގްރޫޕުގެ ޑިރެކްޓާ އޮފް އެޗްއާރު ފަޒްނާ މަންސޫރެވެ. އަދި އެ ހަފްލާގައި ރަފީ ޖަމިއްޔާގެ ރައީސް ޑރ. ޢާއިޝަތު ރަފިއްޔާ، ނައިބު ރައީސާ އަދި ބޯޑު މެންބަރުން ބައިވެރިވެވަޑައިގަތެވެ.