ވަޒީފާގެ މާހައުލުގައި އަދިވެސް އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅޭ: ރަފިއްޔާ

ރަފީ ޖަމިއްޔާއިން ބޭއްވި ހަފްލާގެ ތެރެއިން. ރާއްޖޭގެ ހުރިހާ ގާނޫނެއްގަ އަންހެނުންގެ ރޯލަކީ ކޮބައިކަން ސާފުކޮށް ފެންނަން އޮންނަންޖެހޭކަމަށް އެ ހަފްލާގައި ރަފިއްޔާ ވިދާޅުވި -- ސަން ފޮޓޯ/ މުޙަންމަދު ނާއިލް

ރާއްޖޭގައި ވަޒީފާގެ މާހައުލުގައި އަދިވެސް އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅޭކަމަށް ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ރައީސާ ޢާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

އެ ޖަމިއްޔާގެ ހަ ވަނަ އަހަރީ ދުވަހާއި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަދި ވިމެން ހީރޯ ޕްރޮގްރާމްގެ ދަސްވެނިންނަށް ހަނދާނީ ފިލާ ހަވާލުކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ތަފާތުކުރުން މަދުން ނަމަވެސް އޮންނަކަމަށެވެ.

"މިކަންކަން ބަދަލުކުރެވޭނީ ހަމައެކަނި ސަރުކާރަކަށް ނޫން. ސްޓޭކް ހޯލްޑާސް އަކަށް ނޫން. އަޅުގަނޑުމެން ކުރި ކަމެއްގެ ނަތީޖާ މާދަމާ އަޅުގަނޑުމެންނަށް ފެންނާނީ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ދުޅަހެޔޮ، ބާރުވެރި ބަސްވިކޭ ބަޔަކަށް ވާން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ގާނޫނެއްގައި އަންހެނުންގެ ރޯލަކީ ކޮބައިކަން ސާފުކޮށް ފެންނަން އޮންނަންޖެހޭ ކަމަށެވެ.

"ހަމަ އެކަނި ދިވެހިރާއްޖޭގައި އަޑު ބަރު ކޮށްފަ މައިކުން ވާހަކަދައްކަން ތިބޭ ޕޮލިޓީޝަނުންނެއް ނޫން އަންހެން ބޭފުޅުންނަކީ. ލީޑާސް ގެ ތެރޭގަ އެބަ އުޅޭ ވަރަށް ވަރުގަދަ އެކި ޝަޚުސިއްޔަތުތައް."

އެފަދަ ޝަޚުސިއްޔަތުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ރަފީ ޖަމިއްޔާއިން ވަނީ 10 އަންހެނަކަށް ވިމެންސް ލީޑާޝިޕް އެވޯޑް ދީފައެވެ.

"މިރޭ އަޅުގަނޑުމެން މިތަނުގަ ދިހަ އަންހެން ކަނބަލަކަށް އެބަ ވިމެންސް ލީޑާޝިޕް އެވޯޑް ދެން. މި އެވޯޑްގައި ތިއްބެވި ހުރިހާ އަންހެން ބޭފުޅުންނަކީ އެކި ދާއިރާތަކުން، އެކި ގޮތްގޮތުން ރާއްޖެ ބަދަލުކުރަން، މުޖުތަމައު ބަދަލުކުރަން، އާއިލާތައް ބަދަލުކުރަން އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފުސު ބަދަލުކުރަން މަސައްކަތް ކުރާ ބައެއް. ރޯލް މޮޑެލްގެ ގޮތުގަ އެހެން ކުދިންނަށް ނަމޫނާ ދައްކަން ތިބި ބައެއް،" ރަފިއްޔާ ވިދާޅުވިއެވެ.

ވިމެންސް ލީޑާޝިޕް އެވޯޑްގެ އިތުރުން އޯސަމް ޓީމް މެމްބާ ރިކޮގްނިޝަން އެވޯޑާއި، ވިމެން ހީރޯ ގްރެޖުއޭޓް އެވޯޑާއި ލެކްޗަރާސް އެވޯޑު ވެސް ރޭ ރަފީ ޖަމިއްޔާއިން ދީފައިވެއެވެ.

comment ކޮމެންޓް