އުތުރު ކޮރެއާއިން ހިފެހެއްޓި އޮސްޓްރޭލިއާގެ ދަރިވަރު ދޫކޮށްލައިފި

އުތުރު ކޮރެއާ އިން ހިފެހެއްޓި އޮސްޓްރޭލިއާގެ ދަރިވަރު އެލެކް ސިގްލޭ ވަނީ މިހާރު ދޫކޮށްލާފައި -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (ޖުލައި 4): އުތުރު ކޮރެއާއިން މިދިޔަ ހަފްތާގައި ހިފެހެއްޓި އޮސްޓްރޭލިއާގެ ދަރިވަރު ދޫކޮށްލައިފި ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގައި މާސްޓާސް ޑިގްރީއަށް ކިޔަވަމުން، ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިއެއް ހިންގަމުން ދިޔަ އެލެކް ސިގްލޭ ހިފެހެއްޓީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ. އޭނާ ދޫކޮށްލާފައިވާކަން ފުރަތަމަ ހާމަ ކުރީ އުތުރު ކޮރެއާގެ ހަބަރުތައް ގެނެސްދޭ އެމެރިކާގެ ނޫހަކުންނެވެ.

އެނޫހުގައިވާ ގޮތުން މިހާރު ޗައިނާގައި ހުރި ސިގްލޭ މިއަދު ހަވީރު އޭނާގެ އަންހެނުން ކައިރިއަށް ދިޔުމަށް ޖަޕާނަށް ފުރާނެ އެވެ. އަދި ސިގްލޭ ބެއިޖިންއަށް ދިޔުމުން އެއާޕޯޓުން ނަގާފައިވާ ވީޑިއޯއެއްގައި އޭނާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ.

ބޮޑުވަޒީރު މޮރިސަން ވިދާޅުވި ގޮތުގައި ސިގްލޭ ދޫކޮށްލާފައި ވަނީ ކަމާ ގުޅުން ހުރި އޮފިޝަލުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގަ އެވެ.

"އުތުރު ކޮރެއާގައި ހިފަހައްޓާފައި ހުރި އެލެކް ސިގްލޭ ދޫކޮށްލާފައިވާކަން ވަރަށް އުފަލާ އެކު އިއުލާން ކުރަން. އޭނާ ހުރީ ގަދަވެ ސަލާމަތުން،" މޮރިސަން ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ އެމްބަސީއެއް އުތުރު ކޮރެއާގައި ނުހުރެ އެވެ. އެހެންކަމުން އޮސްޓްރޭލިއާގެ ފަރާތުން އުތުރު ކޮރެއާގެ އޮފިޝަލުންނާ ބައްދަލު ކުރީ އެގައުމުގައި ހުންނަ ސްވިޑިޝް އެމްބަސީގެ އޮފިޝަލުންނެވެ.

ސިގްލޭގެ އާއިލާއިން ބުނި ގޮތުގައި އުތުރު ކޮރެއާގެ ކިމް އިލް ސަންގް ޔުނިވާސިޓީގައި ކޮރެއަން ލިޓަރޭޗާއިން މާސްޓާސް ޑިގްރީއެއް ހާސިލު ކުރުމަށް އޭނާ އެގައުމަށް ދިޔައީ މިދިޔަ އަހަރެވެ.

މިދިޔަ މާޗް މަހު ގާޑިއަން ނޫހާ ވާހަކަ ދައްކަމުން ސިގްލޭ ވަނީ އޭނާއަކީ އުތުރު ކޮރެއާގައި ދިރިއުޅޭ ހަމައެކަނި އޮސްޓްރޭލިއާގެ މީހާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އެގައުމުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވުމުންނާއި ސްޓޫޑެންޓް ވިސާއެއް އޮތުމުން އޭނާއަށް ޕިޔޮންގްޔަންގްގައި މިނިވަންކަމާ އެކު އުޅެވޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސިގްލޭ ވަނީ އުތުރު ކޮރެއާގައި އުޅޭ އިރު އެއްވެސް ނުރައްކަލެއް އޮތް ކަމަށް އިހުސާސު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް