އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އަލީ އާޒިމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސުޕް މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ކުރިމަތިލާން ހުޅުވާލި މަގާމުތަކަކީ ޕީޖީ ލީޑަރާއި، ދެ ޑެޕިއުޓީ ޕީޖީ ލީޑަރުންނާއި އަމީންއާންމު އަދި އަމީންއާންމުގެ ނައިބުގެ އިތުރުން ޗީފް ވިޕާއި ހަ ވިޕުންނެވެ.

ޕީޖީ ލީޑަރު ކަމަށް އަލީ އާޒިމް ކުރިމަތިލެއްވި އިރު ޑެޕިއުޓީންނަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާއި ހެންވޭރު ދެނުކު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ. އަމީންއާންމަކަށް ކުރިމަތިލީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އަދި އަމީންއާންމުގެ ނައިބަކަށް ކުރިމަތިލީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

އެ ހުރިހާ މެމްބަރުންވެސް މިއަދު ބޭއްވި ޕީޖީ ގްރޫޕުގެ އިންތިހާބުގައި ވަނީ މަގާމުތަކަށް އިންތިހާބުވެވަޑައިގެންފައެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 57 މެމްބަރަކު ވޯޓުލެއްވި އެވެ.

comment ކޮމެންޓް