ކާށިދޫ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް 35 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ކާށިދޫ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ކާށިދޫ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް 35 މިލިއަން ރުފިޔާއަށް ރާއްޖޭގެ ކުންފުންޏެއް ކަަމަށްވާ ޑަބްލިއު އެންޑް އޭ އޯވާސީޒް ޕީޓީއީ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މެންދުރުު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރެއްވިއިރު ޑަބްލިއު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގް ޑިރެކްޓަރ އަޖުހަދު އަބްދުﷲ ޒުހައިރުއެވެ.

މިއަދު ވި އެއްބަސްވުމުގެ ދަށުން ކާށިދޫ ސްކޫލުގައި 16 ކްލާސްރޫމްއާއި، އެއް މަލްޓި ޕާޕޯސް ހޯލްއަކާއި އެއް އިލެކްޓްރިކް ރޫމްއާއި ދެ ޗޭންޖިން ރޫމް އަދި 25 ފާހާނާ އެޅުން ހިމެނެއެވެ. އޭގެ އިތުރުން 10 ސްޓޯރޫމްއާއި ތިން ރޭމްޕްވެސް އެއްބަސްވުމުގައި ހިމެނެއެވެ.

އެއްބަސްބުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލި ވިދާޅުވީ އެ ސްކޫލްއަކީ ތަފާތުގޮތަކަށް ޑިޒައިން ކޮށްފައިވާ ސްކޫލެއްކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހަގޮތަށް އަޅުގަނޑުމެން ސްކޫލް ޑިޒައިންކޮށްފައި މިވަނީ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްފައިވާ ދެ އެކްސަސިބަލް ޓޮއިލެޓް ހުންނާނެ ސްކޫލުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ކާށިދޫ ސްކޫލުގައި މިވަގުތު ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދެމުންދާއިރު އެ ސްކޫލުގައި 478 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް