ތުރުކީގެ ހަ މީހުން ދޫކޮށްނުލައިފި ނަމަ ހަފްތަރަށް ރައްދު ދޭނެ ކަމުގެ އިންޒާރު ދީފި

ލީބިޔާގެ ހަފްތަރާ ދެކޮޅަށް ޓްރިޕޮލީގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ޖުލައި 1): ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ފައުޖުތަކުން ތުރުކީގެ ހަ މީހަކު ހިފަހައްޓާފައިވާ ކަމަށާއި އެމީހުން ދޫކޮށްނުލައިފި ނަމަ ހަމަލާ ދޭނެ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ރައްޔިތުން ދޫކޮށްނުލައިފި ނަމަ ހަފްތަރުގެ ފައުޖުތައް އެގައުމުގެ ހަމަލާތަކުގެ އަމާޒަކަށްވާނެ އެވެ. އަދި ލީބިޔާއިންދޭ ކޮންމެ ހަމަލާއަކަށް ތުރުކީން ވަރުގަދަ ރައްދެއް ދޭނެ އެވެ.

މީގެ ކުރިން ލީބިޔާގެ އަސްކަރިއްޔާގައި އިސްކޮށް ހުންނެވި ހަފްތަރު ވަނީ އޭނާއަށް ތާއިދު ކުރާ ސިފައިންނާ އެކު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް އާމީ (އެލްއެންއޭ) އުފައްދަވާފަ އެވެ. އަދި މިދިޔަ އޭޕްރިލް މަހުން ފެށިގެން އެޖަމާއަތުން ދަނީ ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތް ކުރަމުންނެވެ.

ޓްރިޕޮލީ މިހާރު އޮތީ އދ.ގެ ތާއިދު އޮތް ގަވަމެންޓް އޮފް ނެޝަނަލް އެކޯޑު (ޖީއެންއޭ)ގެ ބާރުގެ ދަށުގަ އެވެ. އަދި ޖީއެންއޭއަށް ތުރުކީން ޑްރޯނާއި ހަތިޔާރާއި އުޅަނދުތައް ފޯރުކޮށްދެ އެވެ.

އޭގެ ސަބަބުން އެލްއެންއޭއިން ވަނީ ލީބިޔާގައި ހިންގާ ތުރުކީގެ ވިޔަފާރިތަކަށާއި އެގައުމުގެ ކަނޑުގައި ތިބި ތުރުކީގެ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު މިދިޔަ ހުކުރު ދުވަހު ދީފަ އެވެ. އަދި ދެ ގައުމުގެ މެދުގައި ވައިގެ މަގުން ދަތުރު ކުރުން މަނާކޮށް، ލީބިޔާގައި ތިބި ތުރުކީގެ މީހުން ހައްޔަރު ކުރާނެ ކަމަށްވެސް ބުނެފަ އެވެ.

އެލްއެންއޭއަށް ތާއިދު ކުރާ ގައުމުތަކުގެ ތެރޭގައި މިސްރާއި ފްރާންސާއި އެމިރޭޓްސް ހިމެނޭ ކަމަށް ބައެއް ޑިޕްލޮމެޓުން ވިދާޅުވެ އެވެ.

comment ކޮމެންޓް