ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ "ޔޫތު އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް)ގެ ދެވަން ޕްރޮގްރާމް، ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު ނިންމާލައިފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ ވައިމާސްގެ ފުރަތަމަ ބުރަސް ލިބިގެން ދިޔަ ތަރުހީބާއެކު، ރަފީއިން އިއްޔެ ވަނީ މި ސީޒަންގެ ދެވަނަބުރު ކުރިޔަށް ގެންގޮސްފައެވެ. އެ ބުރުގައި ޖުމްލަ 75 ޒުވާނުން ބައިވެރިވެފައި ވެއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ވައިމާސް ޕްރޮގްރާމަކީ ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން ރަފީ ޖަމިއްޔާއިން 2016 ވަނަ އަހަރު ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިޕްރޮގްރާމުގެ ސެޝަންތައް ނަންގަވާ ދިނުމުގައި ހަރަކާތްތެރިވަނީ، ޕްރޮގްރާމް އެ ދުވަހަކު ހާއްސަކުރާ މައުޟޫއަށް އެންމެ ފަރިތަ އަދި އިލްމީ ގޮތުންނާއި ފަންނީ ގޮތުން ތަޖުރިބާ ހުރި ގާބިލް ބޭފުޅުންނެވެ.
އެގޮތުން އިއްޔެގެ ސެޝަންތައް ފުރިހަމަ ކޮށްދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ސިގްނޭޗަރ ސްޕީކަރއެއް ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ސޭފް އެންޖީއޯގެ ރައީސް މުހައްމަދު ރަޝީދު (ރާޑޯ) އެވެ. މި ދެ ބޭފުޅުންގެ ސެޝަން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަމިއްލަ ނަފްސު ކުރިއަރުވާ، މުޖްތަމައުއަށް ބޭނުންތެރި ފަރުދެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވިދާނެ ކަންކަމާއި އެގޮތުގައި ދެމި ތިބުމަށް ގައިގާ ހަރުލައްވަންޖެހޭ މުހިންމު ސިފަތަކުގެ މައްޗަށެވެ.
ރަފީ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި ވައިމާސް ޕްރޮގްރާމަކީ ޒުވާނުން އަހުލުވެރިކޮށް ބާރުކުރުމަށްޓަކައި ޖަމިއްޔާއިން ކުރިޔަށްގެންދާ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިލްސިލާއެވެ. އެގޮތުން މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގަރާމް މެދުވެރިކޮށް މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމުގައި ރަފީއިން ފާހަގަކުރެއެވެ.
އަދި މީގެ އިތުރުން ކޮންމެ އަހަރަކުވެސް މި ސީރީޒްގެ ހަތަރު ޕްރޮގްރާމް ފުރިހަމަކޮށް، ނަމޫނާ ޕަފޯމަންސް ދައްކާ ޒުވާނުންގެ މެދުގައި ކޭމްޕެއް ކުރިޔަށްގެންގޮސް އެންމެ ފާހަގަކޮށްލެވޭ ނަތީޖާ ހާސިލްކޮށްފައިވާ ފަރާތްތައް ފުރޭނިގެން، ޖުމްލަ 31 ފަރާތަކަށް "މިލީނިއަމް ޔޫތް އެމްބެސަޑަރ"ގެ ޝަރަފު ރަފީ ޖަމިއްޔާއިން ވަނީ އަރުވާފައެވެ.
ރަފީ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ޒުވާނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ބޭނުންވާނެ ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ މާހައުލުގައާއި އަމިއްލަ ދިރިއުޅުމުގައި ކާމިޔާބު ހަރުފަތްތަކެއް ގިރާކުރުމަށް ބޭނުންވާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.