ދިވެހިބަހަށް ފަރިތަ އެމެރިކާ ޕްރޮފެސަރުގެ ވާހަކަ

ދިވެހި ބަހަކީ ހަމައެކަނި ދިވެހިރާއްޖެއާއި މަލިކުގެ ރައްޔިތުން ވާހަކަ ދައްކާ ބަހަކަށް ވާ އިރު، ބައެއް މީހުންގެ ހިތުގައި ދިވެހިބަހަކީ ބައިނަލްއަގުވާމީ ގޮތުން މާ ފާހަގަކުރެވޭ ބަހެއް ނޫނެވެ.

އެހެން ނަމަވެސް ދިވެހީންގެ ފަހުރުވެރި ރަމްޒެއްގެ ގޮތުގައި ބެލެވޭ ދިވެހިބަހަކީ އޭގެ ވާހަކަ އެނގިއްޖެ މީހެއްގެ ޝައުގުވެރިކަން މުޅިން ދަމައިގަންނާނެ ބަހެކެވެ. ދިވެހިބަހުން ވާހަކަދެއްކުމާއި، ތާނަ އަކުރާއި ދިވެހި ވަޒަންބަހުރުވައަކީ އޭގެ ރީތިކަމާއި ފުރިހަމަކަން އިހުސާސްކުރެވޭ މީހަކު މަސްތުކޮށްލާނެ އެއްޗެކެވެ.

ގެރެޓް ފީލްޑަށްވެސް ދިމާވީ އެފަދައެވެ. އެމެރިކާގައި އޮހަޔޯ ޔުނިވާސިޓީގައި ވަޒީފާ އަދާކުރައްވާ ގެރެޓް، ސްރީލަންކާގައި ސިންހަޅަ ބަސް ދަސްކުރަން އުޅުމުގެ ތެރޭގައި އެގައުމުގެ މީހަކާ ކައިވެނިކޮށް، ހަނީމޫނަށް އައީ އަވަށްޓެރި ދިވެހިރާއްޖެއަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނުމާއެކު ގެރެޓްގެ ލޮލުގައި އަޅައިގަތީ ދިވެހިބަސް ލިޔުމަށް ގެންގުޅޭ ތާނަ އަކުރެވެ. ވަގުތުން ޝައުގު ދަމައިގަތީއެވެ.

އޭގެ ހަ އަހަރު ފަހުން މިއަދު ޕްރޮފެސާ ގެރެޓް ފީލްޑްއަކީ ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ، ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގޭ އެމެރިކާ ރައްޔިތެކެވެ.

އެމެރިކާގެ އޮހަޔޯ ޔުނިވާސިޓީގައި އެތުނޯމިއުޒިކޮލޮޖީ ކިޔަވައިދޭ ގެރެޓް ދިވެހި އަދަބިއްޔާތާއި ވަޒަންބަހުރުވައަށް ވަރަށް ފޯރި ހުރެއެވެ. އެހާމެ ރީތިކޮށް ރައިވަރު ވިދާޅުވެއެވެ. އަދި ދިވެހި ރައިވަރާ ބެހޭ ވަރަށް މުހިންމު ދިރާސާއެއްވެސް ގެރެޓް ގެންދަވަނީ ހައްދަވަމުންނެވެ.

ރައިވަރުގެ ބަސް އޮޅުވުމުގެ "ފަންނު" ފަދަ ކަންކަމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ވަޒަންބަހުރުވައިގެ ތެރެއިން ކޮށްއުޅޭ ކަމެއް ނޫންކަމަށް ގެރެޓް ވިދާޅުވެއެވެ.

comment ކޮމެންޓް