ހުޅުމާލޭ ބީޗް ފްރަންޓުގައި މަގު ހުރަސްކޮށް އަޅާފައި ހުރި ކަރަންޓު ކޭބަލުތައް ނަގަން އަންގަނީ

ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ފްރަންޓުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓުތަކާއި އެހެނިހެން ވިޔަފާރިތަކުން ބީޗަށް ކަރަންޓު ދިނުމަށް މަގު ހުރަސްކޮށް އަޅާފައި ހުރި ކަރަންޓު ކޭބަލުތައް ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އަންގަން ފަށައިފިއެވެ.

ބީޗް ފްރަންޓުގައި ހިންގާ ރެސްޓޯރެންޓުތައް ދަނީ ބީޗުގައި މޭޒާއި ގޮނޑި ޖަހައިގެން ހިދުމަތް ދެމުންނެވެ. އެހެންކަމުން، ބައެއް ތަންތަނުން ބީޗަށް ކަރަންޓު ދިނުމަށް މަގު ހުރަސްކޮށް، ކަރަންޓު ކޭބަލް އަޅާފައި ހުރެއެވެ.

ބީޗް ފްރަންޓުގައި ހިންގާ ވިޔަފާރިއަކަށް ސްޓެލްކޯއިން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކަރަންޓު ކޭބަލުތައް މަގު ހުރަސްކޮށް އަޅާފައި ހުރުމަކީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނިން ސްޓެލްކޯއަށް އަންގާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަކީ ވަކި މިންގަނޑުތަކެއްގެ ތެރެއިން އެ ކުންފުނިން ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ފަހު ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ. އެހެންކަމުން، ބޭނުންވާ ތަނަކަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ހުއްދަ އެޗްޑީސީގެ ފަރާތުން ހޯދައިގެން ސްޓެލްކޯއަށް ހުށަހަޅައިގެން ކުރިއަށް ދިޔުމަށް ސިޓީގައި އަންގާފައިވެއެވެ.

ސްޓެލްކޯއިން ވަނީ މަގު ހުރަސްކޮށް އަޅާފައި ހުރި ކޭބަލު ނެގުމަށް ހަތް ދުވަސް ދީފައެވެ. އެ މުއްދަތުގައި ކޭބަލް ނުނަގައިފި ނަމަ، ކޭބަލް އެޅި ފަރާތަށް ދެމުންދާ ކަރަންޓުގެ ހިދުމަތް ކަނޑާލާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ.

ހުޅުމާލޭ ބީޗުގައި ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. އެކަމަކު އަދިވެސް އެތަނުގައި ވިޔަފާރި ކުރަމުންދެއެވެ. އަދި ބައެއް ފަރާތްތަކުން ބީޗުގެ ބިން ކުއްޔަށް ދީގެން ފައިދާ ނަގައެވެ. އެކަމާ ގުޅިގެން އޭސީސީއިން މިދިޔަ މޭ މަހު ވަނީ އެތަނުގައި ހުރާ ވިޔަފާރިތައް ހުއްޓުވުމަށް އެޗްޑީސީއަށް އަންގައިފައެވެ.

comment ކޮމެންޓް