މިސްރުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި ލިބުމަކީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ވުރެން މާ ބޮޑަށް ވެސް މުހިއްމު ކަމެއް ކަމަށް ސެނެގާލްގެ ތަރި ސާޑިއޯ މާނޭ ބުނެފި އެވެ.
ނިމިގެން މިދިޔަ ކުލަބު ސީޒަނުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ލިވަޕޫލްއިން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރި އަކީ އެ ޓީމުގެ ފޯވާޑް މާނޭ އެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލްއަށް ގިނަ ގޯލުތަކެއް ޖަހައިދީ އެ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދައިފަ އެވެ.
ނަމަވެސް އަމިއްލަ ވަޒަނާ އެކު ތަށްޓެއް އުފުލާލުމަކީ މިހާތަނަށް ލިބުނު ހުރިހާ ތަށްޓެއް ވުރެން އަގުހުރި ކަމެއް ކަމަށާއި ސެނެގާލްއަށް މިފަހަރުގެ ތަށި ހޯދައިދިނުމަށް ވެވެން ހުރި ގުރުބާނީއެއް ވާނެ ކަމަށް މާނޭ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ އެފްރިކަން ކަޕް އޮފް ނޭޝަންސް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވާ ސެނެގާލާއެކު އެ ތަށި ހޯދުމަކީ އަބަދުވެސް އޭނަގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ.
"އަހަރަމެންނަކީ މިފަހަރުގެ މުބާރާތުގެ ފެވަރިޓުން. އެކަން ސިއްރު ކުރާކަށް ނެތިން. މި ތަށި ހޯދުމަށްޓަކައި ވެވެން ހުރި ގުރާބާނީއެއް ވިއްޔާ ވާން ތައްޔާރަށް މިހުރީ،"
އޭނާ ބުނީ އެފްކޮންގެ ތަށްޓަށް ޓަކައި ވޭތުވެ ދިޔަ ސީޒަނުގައި ލިބުނު ޗެމްޕިއަންސް ލީގުގެ ޓްރޮފީ ވެސް ބަދަލު ކުރަން ތައްޔާރު ކަމަށެވެ.
ސެނެގާލް އިން މުބާރާތުގެ ފުރަތަމަ މެޗު މިދިޔަ އާދީއްތަ ދުވަހު ވަނީ ކުޅެފަ އެވެ. އެ މެޗު 0-2 ގެ ނަތީޖާއަކުން އެ ޓީމު ކާމިޔާބު ކުރި ނަމަވެސް ސަސްޕެންޝަނުގެ ސަބަބުން އެ މެޗުގައި މާނޭ ކުޅެފައެއް ނުވެ އެވެ. މުބާރާތުގެ ކޮލިފައިންގައި ލިބުނު ދެ ރީނދޫ ކާޑާ އެކު ފުރަތަމަ މެޗުން މާނެ ސަސްޕެންޑު ކުރި ނަމަވެސް ކުރިއަށް އޮތް މެޗުތަކުގައި އޭނާއަށް ކުޅެވޭނެ އެވެ.
ސެނެގާލްއިން ގުރޫޕް ސްޓޭޖުގައި ދެން ބައްދަލު ކުރަން ޖެހޭނީ އަލްޖީރިއާއާއި ކެންޔާއާ އެވެ.