ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 ގައި، ޔޫރަޕު ފުޓުބޯޅައިގެ ގަދަބާރު އިންގްލެންޑް އަތުންވީ ބައްޔާއެކު، މިއަހަރުގެ އެފްކޮން މުބާރާތް ކާމިޔާބުކޮށް އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ސެނެގާލްއަށް މުބާރާތް ނިމިއްޖެއެވެ.
މިއީ ސެނެގާލުން ވޯލްޑް ކަޕުގައި ކުޅޭ ތިންވަނަ ފަހަރެވެ. އެ ގައުމުން ވޯލްޑް ކަޕުގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ 2002 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ސެނެގާލް ދަތުރުކުރިއިރު އޭގެފަހުން އެޓީމުން ވޯލްޑް ކަޕުގައި ކުޅުނީ 2018 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ސެނެގާލްއަށް ނިމުނީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.
1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިންގްލެންޑާއި ދެކޮޅަށް މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ކުޅެ ސެނެގާލް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގް ގޭމެއް ކުޅުނީ އިންގްލެންޑުންނެވެ. އެހެންނަމަވެސް އިންގްލެންޑުން ފުރަތަމަ ލަނޑު ޖެހުމާއި ހަމައަށް ސެނެގާލުން ވަނީ ޑިފެންސިވް މޮޅު ގޭމެއް ކުޅެފައެވެ. ހާއްސަކޮށް ދަނޑުގެ ދެ އަރިމަތި ބޭނުންކޮށްގެން އިންގްލެންޑުން ތަވަސްކުރަން މަސައްކަތްކުރި ފުރުސަތުތަކަށް ސެނެގާލުގެ ކުޅުންތެރިން ވަނީ ހުސިޔާރު ކަމާއިއެކު ހުރަސް އަޅާފައެވެ.
އިންގްލެންޑުގެ ހަމަލާތައް ހުއްޓުވުމުގައި ސެނެގާލްގެ ކުޅުންތެރިންނަށް ނުކުޅެދި، އިންގްލެންޑުން މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިއީ ސެނެގާލްގެ އޭރިއާ ތެރެއަށް ޖޫޑް ބެލިންގްހަމް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯޑަން ހެންޑާސަން ކާމިޔާބުކުރި ލަނޑެކެވެ.

އިންގްލެންޑާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
އިންގްލެންޑުން ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ކޭން ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އިންގްލެންޑުގެ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ. އެންމެފަހުން ކޭން ގައުމީ ޖާޒީގައި ލަނޑެއް ޖެހީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށެވެ.

އިންގްލެންޑާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
އިންގްލެންޑުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކުރަން ކޭންއަށް ދެން ބޭނުންވަނީ އެންމެ ލަނޑެކެވެ. މިވަގުތު އެ ރެކޯޑު އޮތީ 53 ލަނޑު ޖަހާފައިވާ ވޭން ރޫނީގެ އަތުގައެވެ.
ސެނެގާލާއި ދެކޮޅަށް ކުޅުނު ރައުންޑް އޮފް 16ގެ މި މެޗުގައި އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދިނީ ބުކާޔޯ ސަކާއެވެ.

އިންގްލެންޑާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
މި މެޗުން މޮޅުވެ އިންގްލެންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދިއިރު ކުއާޓާގައި އެޓީމު ކުޅެން ޖެހޭނީ ޕޮލެންޑުގެ މައްޗަށް ރައުންޑް އޮފް 16 ގައި ކުރިހޯދި ފްރާންސްއާ ދެކޮޅަށެވެ. ފްރާންސް އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ.
މިއީ 16 ފަހަރަށް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ 10 ވަނަ ފަހަރެވެ. އެ ޓީމަށް ކުއާޓާ ފައިނަލް ފަހަނައަޅައި މުބާރާތުގައި ކުރިއަށް ދެވިފައި ވަނީ ތިން ފަހަރުއެވެ. އޭގެ ތެރެއިން އެއްފަހަރު ޗެމްޕިއަންކަން ހޯދިއިރު ދެން ކުޅުނު ދެ މުބާރާތުގައި ލިބުނީ ހަތަރު ވަނައެވެ.