ފީފާ ވޯލްޑް ކަޕުގެ ތިންވަނަ މެޗުގައި ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނެދަލޭންޑްސްއިން އެފްރިކާގެ ޗެމްޕިއަން ސެނެގާލް ބަލިކޮށްފިއެވެ.
ގަތަރުގެ އަލް ތައުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނެދަލޭންޑްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ގޯލު ޖަހާނެ ފުރުސަތުތަައް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ސެނެގާލްގެ އިސްމާއިލިއާ ސާ ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ނެދަލޭންޑްސްްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކައުންޓަ އެޓޭކެއްގައި ވިންސެންޓް ޖަނެސެން ސެނެގާލް އޭރިއާގައި ހުސްކޮށްހުރި ފްރޭންކީ ޑިޔޯންގްއަށް ދިން ބޯޅަ އޭނާއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އެ ބޯޅަ ލިބުނު އިރު ބޯޅައަށް ހުރަސް އަޅަން ހުރީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އެކަންޏެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ދެ ޓީމުން ވެސް ވަނީ ގޯލެއް ޖެހޭތޯ އިތުރު ހިތްވަރަކާއެކު މަސައްކަތް ކޮށްފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ސެނެގާލްގެ ބައުލަޔެ ޑިއާ ވަނީ ބާރު ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާގެ ހުރަހަކަށްވީ ނެދަލޭންޑްސްގެ ގޯލު ކީޕަރު އެންޑްރީސް ނޮޕާޓްއެވެ.
މެޗުގެ ފުރަތަމަ ގޯލު ފެނިފައިވަނީ 84 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޑި ޔޯންގް ނެގި ހުރަހަކުން ބޮލުން ގަކްޕޯ ޖެހި ގޯލެކެވެ.
އެ ނަތީޖާއިން މެޗުގެ ފުރިހަމަ ވަގުތު ހަމަވި ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑEވީ ކްލާސެން ވަނީ ގޯލެއް ޖަހައި ނެދަލެންޑްސް އަށް ލީޑު ފުޅާކޮށްފައެވެ. ނެދަލޭންޑްސްގެ މެމެފިސް ޑީޕޭ ގޯލަށް ފޮނުވާލި ބޯޅަ ސެނެގާލްގެ ކީޕަރި މެންޑީ މަތަކުރިއިރު އޭނާ އަތުގައި ޖެހިފައި ބޯޅަ ލިބުނީ ކްލާސެންއަށެވެ. އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ސެނެގާލް އަދި ނެދަލޭންޑްސް ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އެކުއެޑޯ އަދި މުބާރާތް ބާއްވާ ގައުމު ގަތަރެވެ.
އެ ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި އޮތީ އެކުއެޑޯ އާއި ނެދަލޭންޑްސް އެވެ. މި ދެ ޓީމަށްވެސް ތިން ޕޮއިންޓު ލިބިފައިވާއިރު ދެޓީމަށްވެސް ލިބެނީ ފައިދާ ދެ ގޯލެވެ. ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ސެނެގާލް އާއި ގަތަރަށް ޕޮއިންޓެއް ލިބިފައި ނުވާއިރު މި ދެޓީމަށްވެސް ގެއްލުން ދެ ގޯލު އެބަ އޮތެވެ.