ހިޔާ މަޝްރޫއުގެ 7،000 ފުލެޓު، 6،860 އަށް މަދުކޮށްފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކުގެ އަދަދު 6،860 އަށް މަދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގައި 16 ޓަވަރުގައި 7،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ ސަރުކާރު ހިއްސާވާ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އާ ހަވާލު ކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ. ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި އޭރު ކަނޑައަޅާފައިވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ) އެވެ.

މިއަދު ސޯޝަލް ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އަހްމަދު ވިދާޅުވީ، 140 ފުލެޓެއް މަދުކޮށްފައިވަނީ، އެ ތަންތަން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްފައިވާތީ ކަމަށެވެ.

"އިމާރާތުގައި ތިރީ ބައިގައި ކޯމާޝިއަލް ކަންތައްތަކަށް ޔުނިޓްތައް ބެހެއްޓުމަށް ނިންމުމުން 7،000 ގެ ބަދަލުގައި 6،860 އަށް މިހާރު ވަނީ ބަދަލު ކުރެވިފައި،" ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ، ވިޔަފާރީގެ ބޭނުމަށް ދޫކުރާ އެތަންތަން އިއުލާން ކުރުމަށްފަހު ދޫކުރާނެ ކަމަށެެވެ.

ނޫސްވެެރިންގެ ބައްދަލުވުމުގައި ސުހައިލް ވާހަކަ ދައްކަވަނީ: މިހާރު ދޫކުރުމަށް ހަމަޖެހިފައިވަނީ 6،860 ހައުސިން ޔުނިޓް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ހުރިހާ ޓަވަރެއްގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށާއި ފުލެޓުތައް ދެވޭ ވަރު ވާނީ އަންނަ އަހަރު މާޗު މަސް ހިސާބުގައި ކަމަށް ސުހައިލް ވިދާޅުވި އެވެ.

މީގެ ކުރިން އެ މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ ޑިސެމްބަރު މަހު އެވެ. ސުހައިލް ވިދާޅުވީ ޕްރެޖެޓް ކަންތައް އެގްރީމަންޓް ކޮށް 434 މިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވަނީ ނިންމުމުގެ މައްސަކަތްތައް ނުލާ ކަމަށެވެ. ސުހައިލް ވިދާޅުވީ އެ މަސައްކަތް ކުރުމަށް 42 މިލިއަން ޑޮލަރު ހަރަދުވާ ކަމަށެވެ.

"ފުރަމަ ޕްރެޖެކް ކޮންޓްރެކްޓް ކުރި އިރު، ފިނިޝިން މަސައްކަތް ނުހިމެނޭ. ފިނިޝިން ގޮތުގައި، ޓައިލްސް ޖެހުމާއި އެތެރޭގެ ދޮރުތަކާއި ކުލަ ލުމެއް ނުހިމެނޭ. މިކަންތައްކަށް އިތުރަށް 42 މިލިއަން ޑޮލަރު ހަރަދުވޭ. އެކަން ކުރުމަށް އިތުރު ތިން މަސް ނަގާނެ،" ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ކޮންމެ ޔުނިޓަކީ ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓް ކަމަށާއި ކޮންމެ އެޕާޓްމަންޓްގެ ޖާގައަކީ 550 އަކަ ފޫޓު ކަމަށެވެ.

"ދެ ކޮޓަރި، ދެ ފާހާނަ، ބަދިގެ، ސިޓިން ރޫމު، ދެން ކާގެ އެއްކޮށް އިންނަ ހޯލެއް ގޮތަށް ޔުނިޓްތަށް ހެދިފައި ވަނީ،" ސުހައިލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި 7،000 ހައުސިން ޔުނިޓް ލިބޭނެ ފަރާތްތައަށް ވަނީ ކަނޑައަޅާފަ އެވެ. އަދި 7،000 މީހުންނަށް ފުލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރިއެވެ. ނަމަވެސް ހިޔާ މަޝްރޫއުގެ ފުލެޓް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރޭވެތީ، ފުލެޓްތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން ދަނީ ބަަލަމުންނެވެ. އެ ކޮމިޓީން އަދި އެ ފުލެޓްތަކާ މެދު ގޮތެއް ނުނިންމަވަ އެވެ.

comment ކޮމެންޓް