ތިނަދޫ މެޖިސްޓްރޭޓު ވަކި ކުރަނީ އަންހެނަކާ ޒުވާބުކޮށް ޒިނޭގެ ތުހުމަތު އެޅުވުމުން

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ---

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް، ޒިނޭގެ ތުހުމަތު އެޅުވުމުންކަމަށް ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނެފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި އޭނާ ވަނީ އެ އަހަރުގެ މެއި މަހުގެ ތެރޭގައި ސަސްޕެންޑުކޮށްފަ އެވެ. އެފަހުން ހަ އަހަރު ފާއިތުވެފައިވާއިރު އޭނާގެ މައްސަލަ ބަލައި، އޭނާ މަގާމުން ވަކި ކުރަން ޖޭއެސްސީއިން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިބްރާހިމްގެ މައްސަލައިގައި ޖޭއެސްސީގެ ރިޕޯޓު އިއްވައިފަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާޒީ އިބްރާހިމް އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރުބަހުން ވާހަކަ ދެއްކުމުން މުހައްމަދު ލަތީފު ނަމަކަށް ކިޔާ އާންމު މީހަކު ހުށަހެޅި މައްސަލައެއް ކަމަށެވެ.

އެގޮތުން، އިބްރާހިމް، އާންމު ތަނެއްގައި ތިނަދޫގެ އަންހެނަކާ ދިމާލަށް ހަޑި ހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ އަންހެން މީހާ އަކީ ނަހަލާލަށް ބަލިވެ އިނދެ ދަރިވައްޓާފައި ހުރި މީހެއް ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ ފަނޑިޔާރުންގެ ސުލޫކު ހުންނަންވާ ގޮތް ފާހަގަކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ އަހުލާގީ މިންގަނޑު ހުންނަވާނެ ގޮތް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރު ބަހުން ވާހަަކަ ދެއްކުމަކީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމުގައި ބެލެވިދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ، މަޖިލިހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ އެކު އިބްރާހިމް ހައްޔަރުވެސް ކުރި އެވެ. އޭނާ ދޫކޮށްލާފައި ހުރީ ހައިކޯޓުގެ އަމުރެއްގެ ދަށުންނެވެ.

comment ކޮމެންޓް