ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ރޭ ވޭތުވެ ދިޔަ ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޗިލީ ބަލިކޮށް އެއްވަނައިގައި އޮވެގެން އުރުގުއޭ ކުއާޓާއަށް ދަތުރު ކޮށްފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން އުރުގުއޭ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އުރުގުއޭ އެއްވަނަައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު ޗިލީ އަކީ މި މުބާރާތުގައި އެ ޓީމު އެންމެ ގިނަ ފަހަރު ވާދަކޮށް ބަލި ކުރި ޓީމެވެ. އެގޮތުން މިހާތަނަށް 30 މެޗެެއް ޗިލީއާ ދެކޮޅަށް އުރުގުއޭއިން ކުޅުނު 19 ފަހަރެއްގެ މަތިން އުރުގުއޭ ވަނީ ޗިލީ ގާތުން މޮޅުވެފަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް ވަނީ މެޗުގެ ތެރޭގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މެޗުގެ ތަފާތަކަށް ވެގެން ދިޔައީ މެޗު ނިމެން ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ފޯވާޑް އެޑިސަން ކަވާނީ އުރުގުއޭއަށް ޖަހައިދިން ގޯލެވެ. އޭނާ އަންނަނީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުން ބަލިވި ނަަމަވެސް ޗިލީއަށް ކުއާޓާގެ ޖާގައެއް ވަނީ ލިބިފަ އެވެ. އެ ގުރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ އިކުއެޑޯއާއި ޖަޕާން ރޭ ކުޅުނު މެޗުން ވަނީ އެއްވަރު ވެފަ އެވެ. ޗިލީ ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފައި ވުމުން ރޭގެ މެޗުން އެއްވަރު ކޮށްލައިގެން ވެސް ކުއާޓާއަށް އެއްވަނައިގައި ދިއުމުގެ ފުރުސަތު އޮތެވެ.
ނަމަވެސް ރޭގެ މެޗުން ބަލިވުމާ އެކު ޗިލީއަށް ކުއާޓާގައި ވާދަ ކުރަން ޖެހޭނީ ނުރައްކާތެރި ފޯމެއްގައި މިވަގުތު އޮތް ކޮލަމްބިއާއާ އެވެ. ކޮލަމްބިއާ ވަނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ވެސް ފަސޭހަ ކަމާ އެކު ބަލިކޮށް އެ ގުރޫޕުގެ އެއްވަނަ ހޯދައިފަ އެވެ.
ރޭގެ މެޗުން މޮޅުވި އުރުގުއޭ ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ޕެރޫއާ އެވެ. ޕެރޫ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ބްރެޒިލް އަތުން 0-5 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.