އެއްވެސް މުއައްސަސާއެއްގެ އިހްތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައި ވޭތޯ ބަލަނީ

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: އެ ކޯޓުން އެއްވެސް މުއައްސަސާއެއްގެ އިހްތިސާސްގެ ތެރެއަށް ވަދެފަވޭތޯ ޖޭއެސްސީން ބެލުމަށް ނިންމައިފި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިހްތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފަ ވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ދެ ކޯޓް އަމުރަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެ އިދާރާއަށް ފެންނާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ސިޓީ އަކުން ޖޭއެސްސީގައި އެދިފައިވާ ކަމަށެވެ.

ޖޭއެސްސީއިން މިޔަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މި މައްސަލައިގެ މިއަދު ކޮމިޝަނުން ނިންމާފައިވަނީ ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯއްދަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރުތަކުގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް އައިއިރު ވަދެފަވޭތޯ ނުވަތަ ނޫން ތޯ. އަދި ދައުލަތުގެ އެ ނޫންވެސް މުއައްސަސާއެއްގެ އިހްތިސޯސްގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަދެފަވޭތޯ ނުވަތަ ނޫންތޯ އެކަން ދިރާސާއެއް ކުރުމަށް،" ޒަހީން ވިދާޅުވި އެވެ.

އެގޮތުން އެ ކަމަކީ ވީހާ ވެސް އަވަހަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮށް ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމަށް ޖޭއެސްސީން ނިންމާފައިވާ ކަން ޒަހީން ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އެހެން ވެސް މުއައްސަސާތަކުގެ އިމަށް ސުޕްރީމް ކޯޓުން އަރައިގަންނަ ނަމަ، އެކަމުގައި އެކަށީގެންވާ ފިޔަވަޅު ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓާ މެދު އަޅާނެ ކަމަށް ބުނެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށް އެ ކޯޓުން ނެރުނު އަމުރާ ޚިލާފަށް މަޖިލީހުން ވެސް ކަމެއް ނުނިން މުމަށް އަންގައި އެ ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ ތަޅުމަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް