ފާޑު ކިޔުންތަކާ އެކު ވެސް ގަތަރު ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ކޮޕާ އެމެރިކާގައި ރޭ އާޖެންޓީނާއާއި ގަތަރު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ސްޓީވިން ކްރީކް

ފަހަކަށް އައިސް އާޖެންޓީނާ ދައްކަމުން އަންނަ ދަށް ކުޅުމަށް ގިނަ ބަޔަކު ފާޑު ކިއަމުން ދިޔަ ނަމަވެސް ގަތަރު ބަލިކޮށް އެ ޓީމުން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ ބްރެޒިލްގެ އެރީނާ ޑެ ގްރެމިއޯގައި ކުޅުނު މެޗުން ގަތަރުގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ މުބާރާތަށް ހާއްސަ ދައުވަތަކާ އެކު އޭޝިޔާ ބައްރުން ދެ ޓީމެއް މުބާރާތުގައި ބައިވެރިވި އިރު ގަތަރުން ވަނީ ދެކުނު އެމެރިކާގެ ބޮޑެތި ގައުމުތައް ގާތުން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އާޖެންޓީނާއިން ގްރޫޕް ބީ ގެ ދެވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު އެ ގްރޫޕުގެ އެއްވަނަ ލިބުނީ ކޮލަމްބިއާ އަށެވެ. ކޮލަމްބިއާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އާޖެންޓީނާ ދެއްކި ދަށް ކުޅުމާ އެކު ކުއާޓާއަށް ދިއުމުގެ ޖާގަ އެ ޓީމަށް އޮތީ ވަރަށް ބޮޑަށް ހަނި ވެފަ އެވެ. ގްރޫޕުގެ ފުލުގައި އޮވެ ރޭގެ މެޗަށް އާޖެންޓީނާ ނުކުތް އިރު އެ ޓީމަށް ރޭގެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ.

ރޭގެ މެޗު ފެށިގެން ދިޔައީ ދެ ޓީމުގެ ފަރާތުން ވެސް ބޮޑު ޕްރެޝަރެއްގައި ތިބެ އެވެ. ދެ ޓީމުން ވެސް ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެން ފެށި އިރު މެޗުގެ އެންމެ ހަތަރު ވަނަ މިނަޓުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލަކީ ގަތަރުގެ ޑިފެންޑަރަށް ހެދުނު ބޮޑު ގޯހަކުން ފައިދާ ނަގައިގެން އާޖެންޓީނާގެ ލައުޓަރޯ މާޓީނެޒް ޖެހި ގޯލެކެވެ.

އާޖެންޓީނާގެ ގޯލަށް ފަހު ވެސް އެ ޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. ނަމަވެސް މެޗު ކުރިއަށް ދިޔަ ވަރަކަށް ގަތަރުން މެޗުގެ ތެރެއަށް ވަދެ އާޖެންޓީނާގެ ގޯލަށް ވަނީ ނުރައްކާ ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ގަތަރަށް ލިބުނު ހިލޭ ޖެހުމެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒު ވެފަ އެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ. ގަތަރުގެ ދެ ކުޅުންތެރިން ނުވަތަ ތިން ކުޅުންތެރިއަކު އަބަދުވެސް އޭނާ ހިފަހެއްޓުމުގައި މަސްއޫލު ވެގެން އުޅުނު އިރު އާޖެންޓީނާގެ ދެން ހުރި ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ވަނީ ހުސްކޮށް ކުޅެލަން ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އަގުއޭރޯ ވަނީ އާޖެންޓީނާއަށް ހިތް ގައިމު ސޯލޯ ގޯލެއް އެމެޗުގައި ޖަހައިދީފަ އެވެ.

އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ބައްދަލު ކުރާނީ ގުރޫޕު އޭ ގެ ރަނަރަޕް ވެނެޒުއެލާއާ އެވެ.

comment ކޮމެންޓް