އޮޑަގައްލާގައި ރިސޯޓު ނުހެދޭތީ ބަދަލު ދޭން މަޝްވަރާ ކުރަނީ

ގއ. އޯޑަގައްލާ: އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ބަދަލު ދޭން ވަނީ ނިންމާފައި -- ފޮޓޯ/ އަހުމަދު ނަސީމް (އަހައްމީ)

ގއ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރުން ރަނގަޅު ނޫން ކަމަށް، އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ލަފާދީފައި ވާތީ އާއި އާންމުންގެ ކަންބޮޑުވުންތައް ވެސް ހުރުމުން އެ ރަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ފަރާތަށް ބަދަލު ދޭން ސަރުކާރުން މަޝްވަރާ ކުރަން ނިންމައިފި އެވެ.

އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުއަށެވެ. އޭނާއަށް އެ ރަށް ދޫކުރީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.

މަޝްރޫއު ފެށުމުގެ ކުރިން ވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ސީޑީއީ ކޮންސަލްޓިންއާ ހަވާލުކޮށްގެން ތައްޔާރުކުރި އީއައިއޭ ރިޕޯޓްގައި، އެ ރަށުގައި ރިސޯޓު ތަރައްގީ ކުރާނަމަ މާހައުލަށް ލިބޭނެ ބޮޑެތި ގެއްލުންތައް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ، އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރުމަށް ވަނީ ލަފާދީފަ އެވެ.

އޭގެ އިތުރުން، އޮޑަގައްލާ ތަރައްގީ ކުރުމުން ވެއްޓަށް ލިބޭނެ ގެއްލުންތައް ފާހަގަކޮށް، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޮޑަގައްލާ ކުރުކޮށް:

  • އީޕީއޭގެ ސެންސިޓިވް އޭރިއާ ލިސްޓުގައި ހިމެނޭ ތަނެއް
  • ބޮޑުމިނުގައި އެންމެ 0.7 ހެކްޓަރު
  • އެތަނުގައި ދޮންދީނި އުޅޭ
  • އެ ރަށުގެ ފަރަކީ އެންވެރިކަމަށް ބޭނުން ކުރާ ފަރެއް
  • ރަށުގައި މާ ގިނަ ގަސްތަކެއް ނުހުރޭ
  • އެއީ މީހުން ޕިކްނިކް ހަދަން ދާ ރަށެއް

އެ ރަށާއި ކައިރި ރަށްރަށުގައި އުޅޭ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށް އެކުލަވާލި އީއައިއޭ ރިޕޯޓްގައިވާ ގޮތުގައި މަޝްވަރާ ކުރި ފަރާތްތަކުގެ ތެރެއިން މާމެންދޫ ކައުންސިލު ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން މަޝްރޫއާ ދެކޮޅު ހެދި އެވެ.

އެ ރިޕޯޓްގައިވާ ގޮތުން، ރިސޯޓް ތަރައްގީކޮށްފި ނަމަ އޮޑަގައްލާގެ ވަށައިގެންވާ ފަރަށާއި އެހެން ވެސް ގުދަރީ ދިރުންތަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ އެވެ. މީގެ އިތުރުން، އެ ރަށުގެ ފަޅު އެންދެމުމަށް މަސްވެރިން މިހާރުވެސް ބޭނުން ކުރާއިރު ރިސޯޓް ތަރައްގީ ކޮށްފި ނަމަ، އެކަން ހުއްޓުމަކަށް އަންނާނެ އެވެ. އަދި އެ ރަށުގެ ވަށައިގެންވާ ވެށި ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، އެ ރަށް ހިއްކައިގެން ތަރައްގީ ކުރި ނަމަވެސް މުސްތަގުބަލުގައި ހިއްކާ ސަރަހައްދު ގިރައި، އެކަން ހުއްޓުވަން އިތުރު ހަރަދުތަކެއް ކުރަން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އެކަމާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، އާންމުންގެ ކަންބޮޑުވުންތައް އޮތަތީ، އެހެން ހައްލެއް ހޯދަން ޖަނާހުވެސް ބޭނުންފުޅުވެގެން މިނިސްޓްރީއިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޮޑަގައްލާގެ ބަދަލާ މެދު އެއްބަސްވުމަކަށް އައުމަށް ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު އަލީ ވަހީދު "ސަން"އަށް ވިދާޅުވީ، ބަދަލު ދޭނީ ފައިސާއިންތޯ ނުވަތަ އެހެން ރަށެއް ދީގެންތޯ އަދި ނިންމާފައި ނުވާ ކަމަށެވެ.

އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރަން ނިންމާފައި އޮތް ގޮތް ދައްކައިދޭ ޗާޓެއް -- ފޮޓޯ/ އީއައިއޭ ރިޕޯޓު

އޮޑަގައްލާއަށް ރޭވި މަޝްރުއޫ

އޮޑަގައްލާ ރިސޯޓަކަށް ތަރައްގީ ކުރަން ނިންމާފައި ވަނީ އެ ރަށުގެ ވަށައިގެންވާ ހިތްގައިމު ފަޅު ހިއްކައިގެންނެވެ. އެގޮތުން އެ ރަށް 2.3 ހެކްޓަރަށް ބޮޑު ކުރަން އޮތީ ނިންމާފަ އެވެ.

މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ފިޔަވަައްސަކަށް ބަހާލައިގެން އެވެ. ފުރަތަމަ ފިޔަވަހީގައި ރަށް ހިއްކައި އަރައި ފޭބޭނެ ގޮތް ހަމަޖެއްސުމަށް އޮތީ ނިންމައިފަ އެވެ. ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ތަރައްގީކޮށް، ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމް ކުރަން ހަމަޖެހިފައި އޮތީ ދެވަނަ ފިޔަވަހީގަ އެވެ. ތިން ވަނަ ފިޔަވައްސަކީ ރިސޯޓު ހިންގަން ފަށާ ފިޔަވައްސެވެ.

މުޅި މަޝްރޫއު ނިންމަން ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް