ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްތް ފެށުން -- ފޮޓޯ: އެންވަޔަރަމެންޓު

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ށ. ފޯކައިދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމަލީ ގޮތުން ފަށްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ފޯކަިއދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑް އިންނެވެ.

މި މަޝްރޫޢުގެ ދަށުން ފޯކައިދޫގައި ބޯ ހޯލް ހެދުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭ ގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބީސީ ތަކާއި އިމާރާތްތަކަށް ފެން މީޓަރު ގުޅުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.

ކެނޭޑިއަން ކްރިސްޓަލައިން އާ ހަވާލުކޮށްފައި ވަނީ 30.8 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ފޯކައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިޚިދުމަތް ލިބިގެންދާނެ އެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫ، ހދ. ނޮޅިވަރަންފަރު އަދި ރ. މަޑުއްވަރީގެ ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ އެވެ.

ހިލޭ އެހީގެ ދަށުން ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

މުޅި މަޝްރޫއަށް ޖީސީއެފްއިން ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364 ޑޮލަރު ދިވެހި ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް