މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެ ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅައިފި

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިން ---

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް، އަދުނާން ހުސައިނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.

މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނުގެ މައްސަލައެއް ހުށަހެޅިފައިވާކަން ޖޭއެސްސީން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ، ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން އެ ކޯޓުގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިއަދުއެވެ.

ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ، އަދުނާން އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން ދަނީ އެ މުވައްޒިފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ.

ކޯޓުގެ ދެ މުވަޒިފުންގެ އިތުރުން މީގެ ކުރިންވެސް އެ ކޯޓުގައި މަސައްކަތް ކުރި އެހެން މުވައްޒިފަކަށް ކޯޓުގެ ކޮމްޕިއުޓާ ސިސްޓަމުން އަދުނާނު އޮރިޔާން މަންޒަރު ދެއްކި ކަމަށް ވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

މީގެއިތުރުން ޅ. ނައިފަރު ކޯޓުގައި އަދުނާނު މަސައްކަތް ކުރިއިރު، އެރަށުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ޖިންސީ ގޯނާ ކުރި މައްސަލައެއް އަމިއްލަ ފަރާތަކުން މިއަދު ޖޭއެސްސީ އަށް ހުށަހެޅި އިރު، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

comment ކޮމެންޓް