ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ރ. މާކުރަތުގައި ފެއްޓެވި ބަނދަރު ހެދުމުގެ މަޝްރޫއާއި ޕަބްލިކް ވޯކްސް ސައިޓުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ އަދިވެސް ވަނީ ނުނިމިކަމަށާއި، މި އަހަރުތެރޭ އެ މަސައްކަތްތައް ނިންމަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާކުރަތުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ދެ މަޝްރޫއުގެ ދަށުން އެ މަނިކުފާނުގެ މިނިސްޓަރު ކަމުގައި، އޭރު އެ ރަށުގައި އޮތް ކައުންސިލާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ފަސް އަހަރު އެ މަސައްކަތް ކުރިއަށް ނުގޮސް، އެ މަނިކުފާނު ފެއްޓެވި މަސައްކަތް ނިންމުމާ ހަވާލުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވިއެވެ.
"...އެހެންމާ އޭރު އަޅުގަނޑު ފެށި މަސައްކަތް ނިންމަން އަޅުގަނޑު މި އޮތީ އިރާދަ ކުރެއްވިއްޔާ ހަވާލުވެފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދެ މަޝްރޫއު ވެސް މިހާރު ގޮސްފައިވާ ހިސާބުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް ކުރިޔަށް ގެންގޮސް، މި އަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ. އަދި މި ދެ މަޝްރޫއާއެކު ރަށްގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"ކުރިޔަށް އޮތް ތާގައި ކޮންމެ ރަށެއްގައި ހުންނަ ހުރިހާ އިންފްރާސްޓްރަކްޗާ ތަންތަން ބެލެހެއްޓުމުގައި ވަރަށް ބޮޑުތަނުން ޚަރަދު ކުޑަވާނެ ޕަބްލިކް ވޯކްސް ނިޒާމު ގާއިމް ކުރެވުނީމަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕަބްލިކް ވޯކްސް ސައިޓުތައް މުހިންމުވަނީ ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން އަޅާ އިންފްރާސްޓްރަކްޗާތައް އެ ތަންތަނުން ބަލަހައްޓައި، މެއިންޓެއިން ކުރާތީއެވެ. ޕަބްލިކް ވޯކްސް ސައިޓުތަކެއް ގާއިމް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.
އެ ގޮތުން މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ސައިޓެއް ބެހެއްޓުމުގެ ވައުދު ހިމަނާފައި ވެއެވެ. އެ ގޮތުން ކޮންމެ އަތޮޅެއްގައި ވެސް އަޅާ ޕަބްލިކް ވޯކްސް ސައިޓުގައި، އެ މަސައްކަތަށް ބޭނުންވާނެ ހުރިހާ އާލާތެއް ހުންނަ ސައިޓެއް އަޅާނެއެވެ.
މިހާރު ހުރި އެ ފަދަ ސައިޓުތަކަކީ ވަރަށް ދުވަސްވެފައިވާ ތަންތަން ކަމަށްވާއިރު، އެ ފަދަ ސައިޓުތައް ނެތް އަތޮޅުތައް ވެސް ރާއްޖޭގައި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޕަބްލިކް ވޯކް ސައިޓުތަކެއް އެޅުމަކީ ބޭކާރުވާ ޚަރަދެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.