ޖަންބޯ ދޯނި ކަނޑުވުން: ފިރިމީހާ ނުފެނި ހާސްކަމާއި ބިރުވެރިކަމުގައި އެތައް ގަޑިއިރެއް!

ކަނޑުވި ޖަންބޯ ބޯޓުގެ ކައްޕި ހުސައިން ރަޝީދު: އޭނާގެ ތަޖުރިބާ "ސަން"އާ ހިއްސާކުރި -- ސަން ފޮޓޯ: ޢާލިމް އަބްދުއްލަތީފް

ބުދަ ދުވަހު ހުޅުމާލެއިން ފުރައިގެން ޖަންބޯ ދޯނީގެ މިސްރާބު ހުރީ ބ. ދަރަވަންދުއާ ދިމާލަށެވެ. ކަނޑު މާ ގަދައެއް ވެސް ނޫނެވެ. އެކަމަކު، ޖެހި ރާޅަކުން ދޯނި ބަންޑުން ޖަހައިލައި އެ ދޯނީގެ ކައްޕިއާއި ފަޅުވެރިޔާ ކަނޑުވީއެވެ.

ކައްޕިއަކަށް ހުރީ ރ. މާކުރަތު ހުސައިން ރަޝީދެވެ. އޭނާއާއެކު ފަޅުވެރިއަކަށް ހުރީ ބަންގްލަދޭޝް މީހެކެވެ. މި ދަތުރުގައި ކަނޑުވެ، ކަނޑުމަތީގައި ހޭދަކުރި 24 ގަޑިއިރަށްވުރެ ގިނައިރުގެ ތަޖުރިބާ ހުސައިން "ސަން"އާ ހިއްސާކުރިއެވެ.

ދަތުރުގެ ވަކި ހިސާބަކުން ގާފަރުގެ ނެރާ ހަމައަށް ގޮސް އެ ތަނުގައި ދޯނި މަޑުކުރިއެވެ.

"އެ ހިސާބަށް ދިޔައިރު ވިލާކޮޅެއް އުޅޭތީ ނަގިލި ލައިގެން މަޑުކޮށްފައި ކައްކައިގެން ހަމަޖެހިލައިގެން ވިލާކޮޅު ދިޔައީމަ ދިޔައީ،" ހުސައިން ކިޔައިދިނެވެ.

އުޑުމަތި ސާފުވުމުން ދަތުރައިގެން ކުރިއަށް ދާން އަނެއްކާ ވެސް ފެށީއެވެ. އެކަމަކު، ގާފަރު ކައިރިން ނުކުމެ، ގާފަރު ފަރާ ހަމައަށް ފަސް މޭލުގެ ދުރުމިން ހުއްޓާ އައި ބާނި ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލިއެވެ. އެއީ ފަޅި ސިކުންތެއްގެ ތެރޭގައި ވީ ކަމެކެވެ.

ބަންޑުން ޖަހައިލި ޖަންބޯ ދޯނި --

ކައިރީގައި އޮތް ދެ ފޯނުކުރެން ފޯނެއްގައި އަތް ޖައްސާލާކަށް ވެސް ހުސައިނަކަށް ފުރުސަތެއް ނުލިބުނެވެ. އިތުރު އެހެން އެއްޗެއް ސަލާމަތް ކުރާނެ ފުރުސަތެއް ވެސް ނުލިބުނެވެ.

"މަށަށް ވެސް ހަމަ ކިރިޔާ ނުކުމެވުނީ ގެގަނޑު ތެރެއިން ބިއްލޫރިގަނޑު ތަޅައިލައިފައި. ހުންނާނެ ކުދިކުދި ޒަހަމްތައް ގައިގައި،" ހުސައިން ކިޔައިދިނެވެ.

ނުކުމެ ފުރަތަމަ ވެސް އޭނާ ބެލީ ފަޅުވެރިޔާ ކޮބާތޯއެވެ. އޭރު އޭނާ ދޯނީގެ ބަނޑުފިލާ މަތީގައި އޮތެވެ.

"އަނެއްކާ ވެސް ދޯނި އަރިއަކަށް ޖެހިފައި. 10 ވަރަކަށް މިނެޓު ތެރޭގައި ދޯނި ޖެހުނީ ކޮޅަށް. ވަރަށް ކުޑަ ތަންކޮޅެއް އިނީ. ދެން މަ ބުނެފިން އޭނަ ކައިރީ ދޯނި މި އަޑިއަށް ދަނީއޭ،" ހުސައިން ކިޔައިދިނެވެ.

މާ ގިނައިރުތަކެއް ނުވެ ދޯނި އަޑިއަށް ހިނގައްޖެއެވެ. ހުސައިން ބަލާކަށް ނުހުރެއެވެ. ކަނޑުމައްޗަށް ގަދަފަދައެވެ. ވަގުތުން އެ ތަނުގައި އޮތް ޕެލެޓުތަކެއް ނަގައި ކަނދުފައްޗެއް ބަނދެލީއެވެ.

"ލައިފްޖެކެޓްތައް ލައިފައި. އޭގެ މައްޗަށް ހަންތަކެއް ލައިފައި ކަނދުފައްޗެއް ބަނދެލާފަ އޭގެ މައްޗަށް ދެ މީހުން އަރާ ތިބީ،" ހުސައިން ކިޔައިދިނެވެ.

ހުސައިން ހެދި ކަނދުފަތި --

"އެ ސޮރު [ފަޅުވެރިޔާ] ބުނޭ އިރުކޮޅަކާ ބޭބެ މަ ދޫކޮށްލާފަ ދާށޭ،"

ދެން އެ ކަނދުފަތި މަތީގައި އެ ދެ މީހުން ތިބީއެވެ. އެކަމަކު، ހުސައިން ބުނި ގޮތުގައި އޭނާ މާ ބޮޑަކަށް ބިރެއް ނުގަނެއެވެ. މާ ބޮޑު ހިޔާލެއް ފިކުރެއް ވެސް ނެތެވެ.

ހަމައެކަނި ހާސްވެ ކަންބޮޑުވި ކަމަކީ އަނބިދަރިންނާ ބައްދަލުނުވެދާނެތީއެވެ. ސަލާމަތް ނުވެ، އެ މީހުން ބިކަވެދާނެތީއެވެ.

"ސަލާމަތްކުރަން މަސައްކަތް ކުރާކަށް ނޫޅެން. މަސައްކަތް ކުރެވޭކަށް ނެތް. ކޮށްފިއްޔާ މީހުން ވާނީ ހަލާކު،"

އެމްއެންޑީއެފްއާއި ދަރަވަންދޫގެ ލޯންޗުތަކެއް ވެސް އެ މީހުން ހޯދަން ނުކުމެ އުޅުނެވެ. ޖަންބޯ ބޯޓު ގެއްލުނު ވާހަކަ އޮތީ މުޅި ގައުމުގެ ސަލާމަތަށް ވެސް އައިސްފައެވެ.

ހުކުރު ދުވަހު 10:11 ހާއިރު އެ މީހުން ހޯދަން ނުކުމެ އުޅުނު ލޯންޗަކަށް އެ މީހުން ފެނުނެވެ.

"އެ ވަގުތު ވަރަށް ހިތްހަމަޖެހުނު،. ވަގުތުން އަރާ އަންހެނުންނަށް ގުޅީ ވެސް. އޭރު އޭނާ އަޑުންއަޑު ނަގާ ރޮއޭ،" ހުސައިން ކިޔައިދިނެވެ.

ހުސައިންގެ ތަޖުރިބާ ބުނެދެނީ އޭނާގެ ހިތްވަރެވެ. އޭނާ ކަނޑަށް ގަދަ ކަމެވެ. އެކަމަކު، މި ހާދިސާގައި ހިތްދަތިކަމާއި ހާސްކަން ތަހައްމަލު ކުރީ އޭނާގެ އަންހެނުންނެވެ.

ހާސްކަމާއި ބިރުވެރިކަމުގެ ވަގުތުކޮޅު!

ބުރާސްފަތި ދުވަހު ހެނދުނު ނިދާފައި އޮތް ހުސައިންގެ އަންހެނުން، ޚަދީޖާ ސޯލިހަށް އައީ ފޯނު ކޯލެކެވެ. ގުޅީ އޭނާގެ ދޮންތައެވެ.

"ދޮންތަ އެހާ ހެނދުނާ ވަރަށް ނުގުޅާނެ ދޮންތަ އެހީ ކޮބާހޭ ކުދިން. ބުނީމަ ބުނިން ނިދަނީއޭ ކުދިން،" ޚަދީޖާ ކިޔައިދޭން ފެށިއެވެެ.

ދޮންތަ ދެން އެހީ ހުސައިން ކޮބާހޭއެވެ. ޚަދީޖާގެ ޖަވާބަކަށްވީ "ސަޕްލައި ހިފައިގެން ދަރަވަންދުއަށް ގޮހޭ،" އެވެ. އެ ހިސާބުން އިތުރު ވާހަކައެއް ނުދައްކާ ދޮންތަ ފޯނު ބޭއްވިއެވެ.

ދޮންތަގެ ކޯލަށް ގިނައިރުތަކެއް ނުވެ އޭނާގެ ތިއްތަ ގުޅިއެވެ. ހަމަ އެހީ އެއް ކަހަލަ ސުވާލުތަކެކެވެ. ކީއްކުރަނީތޯ އެހިއެވެ. ފަހުން ގުޅައިލާނަމޭ ބުނެ ބޭއްވީއެވެ.

ފުލުފުލުގައި ތިންވަނަ ފޯނުކޯލު ވެސް ލިބުނެވެ. ގުޅީ އޭނާގެ ސާމިޔައްތައެވެ. އެހީ ހުސައިންމެން ކޮބާހޭއެވެ. ޚަދީޖާ ދިނީ އެއް ޖަވާބެކެވެ. ސަޕްލައި ދަތުރެއްގައ ދަރަވަންދޫއަށް ދިޔަ ވާހަކައެވެ.

އެންމެ ފަހުން ހުސައިނަށް ގުޅުނީ އޭގެ ކުރީ ދުވަހު ހެނދުނު ކަމަށް ވެސް ޚަދީޖާ ބުންޏެވެ. އޭގެ ފަހުން ހުސައިންގެ ޚަބަރެއް ނެތެވެ.

"ސާމިޔައްތަ ބުނީ ގާފަރު ވިލުގައި އޮތް ދޯންޏެއް ފުރައިގެން ދަރަވަންދުއަށް ދަނިކޮށް ދޯނި އަޑިއަށް ގޮސްގެން މީހުންތައް ގެއްލިގެން އުޅޭ ވާހަކަ ބުނެގެންނޭ މި ގުޅީ. ހުސައިންމެންތޯ ބަލާބަލާށޭ،" ޚަދީޖާ ކިޔައިދިނެވެ.

ވަގުތުން އޭނާ ގުޅީ އޮޑިވެރި މީހާއަށެވެ. ހާސްވެ ކަންބޮޑުވެ ހުރެ އެހި ސުވާލަކީ ހުސައިންމެން ކޮބާހޭއެވެ. އޮޑިވެރި މީހާ ފުރަތަމަ ވެސް އެދުނީ މާ ބޮޑަށް ހާސް ނުވުމަށެވެ.

"ދެން ބުނެފި ހުސައިންމެންނަށް މިހެން މިހެން ދިމާވެގެން ގެއްލިގެންނޭ މި އުޅެނީ،" ޚަދީޖާ ފުން ނޭވާއެއް ލިއެވެ.

ހިނދުކޮޅަކަށް ނަމަވެސް ޚަދީޖާގެ ބަސް ހުއްޓުނެވެ. އެ މަންޒަރު ސިފަވީ ކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.

"އެ ހިސާބުން މީހާ މުޅިން ފިނިވެއްޖެ. ދެން ރޮވެން ފަށައިފި. ދެން ފިރިމީހާ ހެޔޮހާލުގައި ލަހައްޓަވާތޯ ދުއާ ކުރެވެނީ،" ވާހަަކަ އަލުން ފަށައި އޭނާ ކިޔައިދޭން ފެށިއެވެ.

ޚަދީޖާއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ރަށުގައި ތިބި އޭނާގެ އާއިލާ މީހުންނެވެ. އެކަމަކު، ގޭގައި ތިބި އޭނާގެ ކުދިން ގާތުގައި ޚަދީޖާ އެ ވާހަކަ ނުބުނެއެވެ. އޭރަށް މާ ބޮޑަށް އެ ކުދިން ވެސް ހިތްދަތިވާނެކަން އެނގޭތީއެވެ.

"އިރުކޮޅުކޮޅާ ފާރިޝްއަށް ގުޅަން. ގުޅާފައި އަހާލީމަ ފާރިޝް [ދޯނީގެ ވެރި މީހާ] ބުނޭ އަދި ނުފެނެޔޭ. އެހެން ބުނާ ކޮންމެ ވަގުތަކު ވަރަށް އެހެން ކަހަލަ ގޮތެއް ވޭ. މާޔޫސްވާ ކަހަލަ ގޮތެއް ވަނީ،" ޚަދީޖާގެ އަޑުގައި މަޑު ތުރުތުރެއް ވެސް ހުއްޓެވެ.

ވަގުތުތައް ހޭދަކުރީ ދުއާކުރުމުގައެވެ. އަބަދުވެސް މާޔޫސީ ހިޔާލުތައް އޭނާގެ ވަށައިގެން ވެއެވެ. އެކަމަކު އާއިލާގެ މީހުންގެ ހިތްވަރުގެ ބަސްތަކުން ހިތްހަމަ ޖައްސައިލަނީއެވެ.

"ހުކުރު ދުވަހު އެގާރަ ޖަހާލާއިރު ގުޅާލީމަ ބުނީ ފެނިއްޖެޔޭ. މިހާރު ދޯންޏަށް ނަގައިފީމޭ،" ޚަދީޖާ ކިޔައިދިނެވެ.

ކެޕްޝަން..

އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ވަގުތެވެ. އޭނާ ތަކުރާރުކޮށް ކުރި ދުއާ އިޖާބަކުރެއްވި ވަގުތެވެ. އުފަލުން ﷲއަށް ހަމްދުކުރުމުގެ ވަގުތެވެ.

"ދެން ވަރަށް އުފާވި. ހަމަ ހެވިލާފައި ވާހަކަ ވެސް ދެއްކީ. އެހާ ބޮޑަށް ހާސްނުވައްޗޭ،" ޚަދީޖާ ބުންޏެވެ.

ހުސައިންގެ މުޅި ދިރިއުޅުން ހޭދަކުރަނީ ކަނޑުމަތީގައެެވެ. އަންހެނުންނާއި ކުދިން ގޮވައިގެން އެކަނިމާއެކަނި ބޮޑެތި ދަތުރުތައް ކޮށްފައި އެބަހުއްޓެވެ. އެކަމަކު، މިއީ ތަފާތު ތަޖުރިބާއެކެވެ.

ޚަދީޖާއަށް ވެސް މި ތަޖުރިބާ ތަފާތެވެ. ބައެއް ފަހަރަށް، ހުސައިން އަނބުރާ އަންނާނެކަމުގެ އުންމީދު ކުޑަކޮށް ފަނޑުވެއެވެ. އެކަމަކު، ގާތުގައި ތިބޭ މީހުން ދޭ ހިތްވަރުން ހިތްހަމަޖައްސައިލައި އުންމީދު އައު ކޮށްލަނީއެވެ.

"ހުސައިންއަކީ ވަރަށް ހިތްވަރުގަދަ މީހެއް،" ފިރިމީހާގެ ހިތްވަރަށް ޚަދީޖާ ފަހުރުވެރިވެއެވެ.

ހިޔާ ފްލެޓުގެ ޖޯލިތަކުގައި ތިބެ މި ދެމަފިރިން އަޅުގަނޑާ މި ވާހަކަތައް ހިއްސާކުރިއެވެ. ޚަދީޖާއަށް މި ވާހަކަ ކިޔައިދެވުނީ ހުއްޓެމުންނެވެ. އެކަމަކު، ހުސައިންގެ މާ ބޮޑު ހާސްކަމެއް ނުވެސް ނެތެވެ. ހުރީ ހިނިތުންވެފައެވެ.

ޖަންބޯ ބޯޓު ބަންޑުން ޖަހައިލީ ގިނަ ހިލަވެއްޔާއެކުއެވެ. އެކަމަކު ދޯނި އޮތީ އިންޝިއުރެންސް ކޮށްފައިކަމަށް ހުސައިން ބުންޏެވެ.

ހުސައިންގެ ހުރިހާ ކާޑުތަކަކާއި ދެ ފޯނު ވެސް ގެއްލުނީއެވެ. އަތުގައި ގެންގުޅުނު 5،000 ރުފިޔާ ވެސް ގެއްލުނީއެވެ.

ކަނޑު ގަދައެއް ނޫނެވެ. އެކަމަކު. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހިނގި ކަމަކުން ދޯނި ބަންޑުން ޖަހައިލައި ހުސައިން ކަނޑުވީއެވެ.

އެ ފަޅި ސިކުންތުގެ ސަބަބުން ޚަދީޖާއަށް ހާސްކަމާއި ބިރުވެރިކަމުގައި ގުނަން ޖެހުނީ ގަޑިއިރު ތަކެކެވެ.

comment ކޮމެންޓް