ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ވޯޓު ދީ އަލުން ކުރީ ދައުރުގެ އަނިޔާވެރިކަމަށް އެނބުރި ދިއުމަކީ މިއަދު ރައްޔިތުންނަށް އޮތް 'ޗޮއިސް'އެއް ނޫންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަދުގެ ފުރަތަމަ ރަށެއްގެ ގޮތުގައި ރައީސް ވަޑައިގަތީ ރ. މާކުރަތަށެވެ.
މި ރަށުގައި ވާހަކަފުޅުދައްކަވަމުން، އިންތިޚާބުގައި ވޯޓުލާއިރު ފުންކޮށް ވިސްނަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވޯޓަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ އަމާނާތެއް ކަމަށެވެ. އެހެންކަމުން ވޯޓުލާއިރު ވިސްނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަަމަ ވިސްނަންވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދީގެން ގައުމަށް ވާނެ ގޮތަކާމެދު ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކުރީ ދައުރުގައި ރާއްޖެ ވެއްޓުނު އަނިޔާވެރިކަމަކީ އޭރު ވެސް ޕީޕީއެމަށް ވޯޓު ދީގެން ކުރިމަތިލާންޖެހުނު ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. މުއިއްޒަށް ވޯޓުދީގެން ހޮވިއްޖެނަމަ އަލުން ގައުމު ވެއްޓޭނީ އެ ހާލަތަށްކަމަށް ރައީސް ވިދާޅުވިއެވެ.
"2013އިން 2018އާ ދޭތެރޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަކީ އެއީ. ރާއްޖެ ދުށް ބިރުވެރި ނާމާން އުނދަގޫ ދުވަސްވަރު އަޅުގަނޑުމެން ހަނދާންކޮށް ތަކުރާރުކޮށް އެއާ ދޭތެރޭ އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. ޑރ. މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ، ވޯޓު ދީގެން އެ ކާމިޔާބުވެއްޖެޔާ އަނެއްކާ ވެސް އަޅުގަނޑުމެެންނަށް މި ދެވެނީ އެ އަނިޔާވެރިކަމުގެ ތެރެއަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ ރައްޔިތުންނަށާއި ގައުމަށް ވެސް އޮތް ޗޮއިސެއް ނޫން ކަމަށެވެ.
ދެން ތިބި ކެންޑިޑޭޓުންނަށް އޮތް ތާއީދާއި ތާއިދު ނެތް މިންވަރު އެ ކެންޑިޑޭޓުން އަރައި ރަށްރަށުން ވަރަށް ސާފުކޮށް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. އެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ދިނުން ރައީސް ސިފަކުރެއްވީ 'އިސްރާފުވާ ވޯޓެއް' ލުމުގެ ގޮތުގައެވެ.
އެއާއެކު ހަަމައެކަނި ޗޮއިސްއަކީ އެ މަނިކުފާނަށް، އެމްޑީޕީއަށް ވޯޓު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
"މި އިންތިޚާބުގައި މި ނޫން ގޮތެއް ނެތް. އެމްޑީޕީއަށް ވޯޓުދިނުން ނޫން އެހެން ގޮތެއް އަޅުގަނޑަށް ނުފެނޭ. ޕީއެންސީއަށް ވޯޓުދީފިއްޔާ މުޅި ގައުމު ހަލާކުގެ ތެރެއަށް މި ވެއްޓެނީ،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރުގައި މާކުރަތުގައި ހިންގާނެ މަޝްރޫއުތައް:
- ބިން ހިއްކައި ހައުސިން ޔުނިޓް އެޅުން
- ބޮޑެތި މަގުތައް ޒަމާނީކޮށް ތަރައްގީކުރުން
- ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުން
- ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް ތަރައްގީކުރުން
- ސިއްހީ މަރުކަޒުގައި ލެބޯޓްރީ ޚިދުމަތް ދިނުން