ފަތުރުވެރިކަމާ ގުޅޭ ގިނަ ގަވައިދުތަކެއް ޒަމާނަށް ފައްތަނީ

ފަތުރުވެރީންތަކެއް މާލޭގައި --- ސަން ފައިލް ފޮޓޯ

ފަތުުރުވެރިކަމާ ގުޅޭ ގިނަ ގަވައިދުތަކެއް ޒަމާނަށް ފެއްތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދުވަހާ ކުރިމަތިލާއިރު ދާއިރާގެ ކަންތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޫކުރާތަންތަން ތަރައްގީކޮށް ނިންމުމަށް އިތުރު މުއްދަތެއް ދިނުމަށާއި އެތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމާ ބެހޭ ގަވައިދު (ސީޕީ އެކްސްޓެންޝަން) އިސްލާހުކޮށް ކަމާ ބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވައިދާއި، ޓޫރިޒަމާ ބެހޭ ތަފާސް ހިސާބު ތައްޔާރުކުުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާ ބެހޭ ގަވައިދުވެސް އެކުލަވާލައި ކޮމެންޓަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފްލާ ބޭއްވުމުގެ ގަވައިދާއި ރާއްޖޭގައި ފަތުރުވެރީންނަށް ދަތުރު ރާވާ ހިންގުމުގެ ގަވައިދާއި ޓުއަ ގައިޑުންނާ ބެހޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓުއަ ގައިޑުންގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުން ވާ މީހުން ބޭތިއްބުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން ޑެފް އެސޯސިއޭޝަނުގެ ފަރާތުން މިނިސްޓްރީ އާއި ބައްދަލުކޮށް އެދުނު އެއް ކަމަކީ ރާއްޖެ އަންނަ އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ޑެފް އެސޯސިއޭޝަނުގެ މެމްބަރުންނަށް ދިނުންކަމަށާއި އިންކްލޫސިވް ކޮމިޔުޓީއެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގައި އެކަމަށްވެސް ވިސްނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިސޯޓުތަކުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުން ވެލި ނެގުމުގެ އުސޫލު ބާތިލް ކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ އުސުލު ބާތިލް ކުރި ނަމަވެސް، ރާއްޖޭގެ ރަށްތަކާއި ރިސޯޓުތަކަކީ ދިވެހިންގެ ތަންތަން ކަމަށާއި އެތަންތަނަށް ގެއްލުން ނުލިބޭނެހެން މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"މާނައަކީ ރަށެއް ގިރަނީ. ރަށަކަށް ތިމާވެށީގެ ކްރައިސިސް އެއް އައީ. އެހެން ވިއްޔާ އެރަށެއް ގިރާ ހުސްވުމުގެ ކުރިން އެ ރަށެއް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ނުލިބެނެހެން ރަށްރަށަށް ވެލި އެޅުމަށް ހުއްދަ ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ހުރި އުސޫލުތަކުގެ ތެރެއިން ނުރަނގަޅު ގޮތަށް ހުރި ކަންތައް ރަނގަޅު ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނީ ތިމާވެއްޓާ ރައްޓެހިކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ.

comment ކޮމެންޓް