ހާޝުގްޖީގެ މަރާ ސައުދީ ވަލީއަހުދާ ގުޅުން ހުރި ކަމުގެ ހެކި އެބަހުރި: އދ

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ (ވ) މަރާލި މައްސަލައާ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއްވާ ކަމަށް އދ.އިން ބުނޭ -- ފޮޓޯ: އޭއެފްޕީ

އދ. (ޖޫން 19): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލައާ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއްވާ ކަމުގެ ހެކި އެބަހުރި ކަމަށް އދ.އިން ބުނެފި އެވެ.

އދ.ގެ އެކްސްޓްރާޖުޑިޝަލް އެކްސެކިއުޝަންސް އިންވެސްޓިގޭޓަރު އެގްނެސް ކަލަމާޑް ލިޔުއްވި ރިޕޯޓުގައިވާ ގޮތުން ހާޝުގްޖީގެ މަރާ ގުޅިގެން ވަލީއަހުދު ތަހުގީގު ކުރަން ޖެހެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ހާޝުގްޖީ މަރާލި މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގުކުރެއްވި ކަލަމާޑް ވަނީ މިއަހަރު ތުރުކީއަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ހާޝުގްޖީ މަރާލާފައި ވަނީ ސައުދީ އޮފިޝަލުން ދުރާލާ ރާވައިގެން ކަމަށް ވިދާޅުވެފަ އެވެ.

ހާޝުގްޖީގެ ހަށިގަނޑު އަދި ފެނިފައި ނުވި ނަމަވެސް ކަލަމާޑް ވަނީ އޭނާ މަރާލި ގޮތާ ބެހޭ ތަފްސީލު އެނގިގެންދާ އޯޑިއޯ ކޮންމެވެސް ވަރަކަށް އަޑު އަހަވާފައިވާ ކަމަށް ބުނެފަ އެވެ. ސައުދީ ކޮންސިއުލޭޓު ތެރޭ ހާޝުގްޖީ މަރާލި ވަގުތު ރެކޯޑު ކޮށްފައިވާ ކަމަށް ބުނާ އެއޯޑިއޯ ހޯދާފައި ވަނީ ތުރުކީގެ ޖާސޫސީ އިދާރާއިންނެވެ.

ކަލަމާޑް ވިދާޅުވި ގޮތުގައި އެއޯޑިއޯއިން، ކޮންސިއުލޭޓު ތެރޭ ތިބި މީހުންނާއި ހާޝުގްޖީއާ ދެމެދު ތަޅާފޮޅުމެއް ހިނގާ އަޑު އިވެ އެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެމީހުން ވަނީ "ހާޝުގްޖީއަށް ހޭނައްތާ ބޭހެއް ދިނުމަށް ފަހު ޕްލާސްޓިކް ކޮތަޅަކުން އޭނާ ނޭވާ ހާސްކޮށްގެން މަރާލާފަ" އެވެ.

އަދި ހާޝުގްޖީ މަރާލި ދުވަހުގެ ކުރީ ދުވަހު ސައުދީ އޮފިޝަލުންގެ ޓީމެއް އެގައުމުން ތުރުކީއަށް ދިޔަކަން ވެސް ރެކޯޑިންތަކުން އެނގޭ ކަމަށް ކަލަމާޑް ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއް އަދި ވަލީއަހުދަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ހާޝުގްޖީ މަރާލަން އެންގީ މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އާއި އެހެން ބައެއް ހުޅަނގުގެ ގައުމުތަކުން ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެރިޕޯޓުގައި ކަލަމާޑް ވަނީ ހާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީން ހައްޔަރުކޮށްފައިވާ 11 މީހުންގެ ޝަރީއަތް ސިއްރުން ކުރިއަށްގެންދާތީ، ދެފުށް ފެންނަ ގޮތަކަށް ޝަރީއަތް ކުރިއަށްގެންދިޔުމަށް ގޮވާލާފަ އެވެ. އަދި އެމައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރު ކުރި އިތުރު 10 މީހުންނަށް ވީގޮތެއް ހާމަ ކުރުމަށް ގޮވާލާފަ އެވެ.

ކަލަމާޑްގެ ރިޕޯޓު މިމަހުގެ 26ގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ހުށަހަޅާނެ އެވެ. އެމަޖިލީހުގެ 47 މެމްބަރު ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގައި ހާޝުގްޖީ މަރާލީ، ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދަން އެގައުމުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔުމުންނެވެ. އޭރު އޭނާ އަމިއްލައަށް އަރުވާލެވިގެން ދިރިއުޅެމުން އައީ އެމެރިކާގަ އެވެ.

ޚާޝުގްޖީ މަރާލި ޖަރީމާ ސައޫދީ ކޮންސިއުލޭޓްގައި ހިންގި ކަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އެޖަރީމާ ހިންގިތާ އެތައް ދުވަހެއް ފަހުން ތުރުކީއާ އަދި ދުނިޔޭގެވެސް ފިއްތުންތަކާ ގުޅިގެންނެވެ. އަދި އެ ޖަރީމާ ތަހުގީގުކުރުމަށް ތުރުކީގެ ފުލުހުން ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ސައޫދީ ސަރުކާރުން ދިނީވެސް އެކަމަށްއެދި ތުރުކީ ސަރުކާރުން ހުށަހެޅިތާ ދެހަފްތާއަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭރު ސައޫދީ ސަރުކާރުންވަނީ ކަމާބެހޭ ހެކިތައް ނައްތާލާފައި ކަމަށް ތުރުކީން ބުނެ އެވެ.

comment ކޮމެންޓް