މަޖިލީހުގެ މައްޗަށް އަމުރު ނެރުމަކީ ރައްޔިތުންގެ ބާރަށް އަރައިގަތުން: ނަޝީދު

ރައީސް ނަޝީދު: މަޖިލީހުގެ ބާރުތަކަށް އަރައިގަތުމަކީ، ރައްޔިތުންގެ ބާރުތަކަށް އަރައިގަތުން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ ބާރުތަކަށް އެހެން އެއްވެސް މުއަސަސާއަކުން އަރައިގަތުމަކީ، ރައްޔިތުންގެ ބާރުތަކަށް އަރައިގަތުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ހޯމަ ދުވަހު ވަނީ، މަޖިލީހަށް ވެސް ރައްދުވާ ގޮތަށް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ އެއްވެސް ނިންމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ނަމަވެސް ނިންމާ ކޮންމެ ނިންމުމެއް ބާތިލް ވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ އެ އަމުރަކީ، ސުޕްރީމް ކޯޓުން މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށް ނުވަތަ މަޖިލީހަށް ބަސް ނުބުނެވޭނެ ކަމަށް ސިފަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެ އަމުރަކީ އެމަނިކުފާނަށް ފެންނަ ގޮތުގައި މަސައްލައެއްކަމަށް ފެންނާތީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަހުސް ކުރުމަށް ހުށަހަޅާފައެވެ.

މައްސަލައަށް ބަހުސަށް ހުޅުވާލުމުގެ ކުރިން މަޖިލިސްގެ ރައީސް ވިދާޅުވީ، އެ މައްސަލައަކީ މިއަދު ރައްޔިތުންގެ މަޖިލީހަށް އޮތް އެންމެ ބޮޑު ގޮންޖެހުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ އެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގޮންޖެހުމެއް ކަމެއް ސީދާ ކޮށް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތަށް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިން ކަމަށް ނަޝިދު ވިދާޅުވި އެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަންދޫބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ތަނުގައި [މަޖިލީހުގައި] ތި ތިއްބަވަނީ އެ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިޔަ ބޭފުޅުން[މަޖިލިސް މެމްބަރުން]. މި މަޖިލީހުގެ މަސައްކަތަށްވެސް އަދި މި މަޖިލީހުގެ ބާރުތަކަށް އަރައިގަތުމަށް އެހެން އެއްވެސް މުއަސަސާއަކުން މަސައްކަތް ކުރަނީ ނަމަ، އަޅުގަނޑު ދެކޭ ގޮތުގައި އެ އަރައިގަނެވެނީ، ރާއްޖޭގެ ރައްޔިތުންގެ ބާރުތަކަށް. ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާ ގުޅޭގޮތުން ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރުމަށް މިދިޔަ ހަފްތާތެރޭ ޖޭއެސްސީ ވަނީ ނިންމާފަ އެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރަން ފަސްކުރުމަށް އަމުރު ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ތަބާނުވެ، ޖޭއެސްސީ ވަނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދަމަހައްޓައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ނިންމައި ތަޅުމުން ފާސްކުރީ، ޖޭއެސްސީގެ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށެވެ. އަދި އިއްޔެ މަޖިލީހުގެ ޖަލްސާގައި ވަނީ، އެ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ވެސް ނިންމާފަ އެވެ.

comment ކޮމެންޓް