ފަސް އަހަރު ތެރޭ ޖަޒީރާ ރާއްޖެ ހާސިލް ކުރެވޭނެ

ޕާޓްނާޝިޕް ފޯރަމް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފަސް އަހަރު ތެރޭ ޖަޒީރާ ރާއްޖެ ހާސިލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސް ގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތައް މި ފަސް އަހަރު ނިމޭއިރު ފުއްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ފޯރަމުގައި 133 މަންދޫބުން ބައިވެރިވިއެވެ. ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ 70 މަޝްރޫއެއް ފޯރަމަށް ހުށަހެޅި އިރު، އެ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންތައް ހާސިލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި އެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭއްވި ޕާޓްނާޗިޕް ފޯރަމުން 1.6 ބިލިއަން ޑޮލަރުގެެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ސަރުކާރަށް ވަނީ ލިބިފައެވެ.

މި ފޯރަމްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އިތުބާރު އުފުލިެއްޖެ ކަމަށައި ރާއްޖޭގެ އަގު އެތަށް ގުނައަކުންވަނީ އަރައިގެން ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު އުފަލާއެކު ދަންނަވަން، މި ބައްދަލުވުން ނިމިގެންދިޔައިރު، ރާޢްޖޭގެ މިއަދުގެ ސަރުކާރަށް ފުރިހަމަ ޔަގީންކަން ލިބިއްޖެ، މި 70 މަޝްރޫއު ފުރިހަމައަށް ތަންފީޒުކޮށް ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފޮނި މީރުކަން އިހުސާސްކޮށްދެވޭނެ ކަމަށް،"

ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ކުރިމަތިލީ، ހަމައެކަނި މަޝްރޫއުތަކެއް ހިފައިގެންނެއް ނޫނެވެ. ބައިނަލްއަގުވާމީ ބައިވެރިންނަށް ހުށަހެޅުންތައް ހުށަހެޅީ ކުރިއަށް ގެންދާނެ ޕްލޭން ތަކާއިވެސް އެކުއެވެ. ބައެއް ޕްރޮޖެކްޓުތަކަށް ހަރަދުވާނެ ފައިސާގެ އަދަދުވެސް ބަޔާންކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ގްރޭޓާ މާލެ ސަރަަހައްދު ބްރިޖުން ގުޅާލުމާއި އައްޑޫ ސިޓީ، ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ ޕްރޮޖެކްޓު ހިމެނެއެވެ.

ހުރިހާ ރައްޔިތުން ޝާމިލުވަނެހެން ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކުން ވަނީ ތައުރީފުވެސް ކޮށްފައެވެ.

"ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުކަން ސަރުކާރުން އަންގައިދީފި. މިއީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި އަލުން އަށަގަންނަމުންދާކަމުގެ ނިޝާނެއް،" އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ ވިދާޅުވިއެވެ.

comment ކޮމެންޓް