ސުޕްރީމް ކޯޓްގެ އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް މަޖިލީހުން ފާސްކޮށްފި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށްގެން ހޯދުމުގެ މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރިޕޯޓަށް ހުށަހެޅުއްވި އިސްލާހަކީ، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ކަނޑައެޅުމަށް އެ ރިޕޯޓްގައި ހިމެނުމަށެވެ.

އެ ހުށަހެޅުމަށް މިއަދުގެ ވޯޓް ގަނޑީގައި ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހުގެ ފްލޯގައި ތިއްބެވި 64 މެންބަރުން ވަނީ އެ އިސްލާހު ރިޕޯޓްގައި ހިމަނަން ފެންނަން ކަމަށް ވޯޓް ދެއްވައިފަ އެވެ. އަދި އެ އިސްލާހު ރިޕޯޓްގައި ހިމަނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ނުދެއްވާ އިރު، ވޯޓްގައި ބައިވެރިވެ ވަޑައިނުގެން، ތިން މެންބަރަކު ތިއްބެވި އެވެ.

މަޖިލީހުން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ވެސް ފާސްކޮށްފަ އެވެ. އެ ފާސްކުރި ރިޕޯޓްގައި ވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީގެ ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައެޅުމާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމެވެ.

ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އެ ކޮމިޝަނުގެ އިހުތިސޯސުގެ ތެރެއަށް ވަންނަ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކުރެ އެވެ. އޭގެ އިތުރުން، ޖޭއެސްސީ އިން އިހުމާލުވެފައިވާ ކަމަށާއި ޖޭއެސްސީއިން ޒިންމާ އަދާ ކުރި ނަމަ މިއަށް ވުރެ ރަނގަޅު ފަނޑިޔާރު ގެއެއް ފެންނާނެކަން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް