ތިމާވެއްޓާ ގުޅޭ ބައިނަލްއަގުވާމީ ބައްދަލުވުމެއް ދިއްފުށީގައި ފަށައިފި

ދިއްފުށީގައި ފެށި ތިމާވެށީގެ ބައިނަލްއަގުވާމީ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް' ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ކ. ދިއްފުށީގައި ފަށައިފި އެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ބައްދަލުވުމަކީ ސަސްޓެއިނެބަލަ އޯޝަން އިނިޝިއޭޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ދަށުން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ބައްދަލުވުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވަރސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެންނެވެ.

އެ ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ޚިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ގައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

އެ ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 33 ބޭފުޅުން ބައިވެރިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް