ގާނޫނު އަސާސީގެ އުސޫލުތައް ނެގެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރާނަން: ރައީސް ސޯލިހު

ރައީސް ސޯލިހު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރަަަަައްވާނޭ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރުވައިފިއެވެ.

ރައީސް ސޯލިހު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި، (ނ) އިން ރައީސުލްޖުމްހޫރިއާ އާ މަތިކޮށްފައިވާ ޒިންމާއެެއ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ދައުލަތުގެ އެންމެ އަސާސީ ސިފަ ކަމަށެވެ. އަދި އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ގާނޫނުއަސާސީއިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަން ކަމަށެވެ. އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.

"އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ގާނުއަސާސީއަށާއި، ގާނޫނުގެ ހަމަތަކަށް އިހްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދުކަމުގައި ވާއިރު، އެ ވައުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަަަަަަަވާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސް ސޯލިހު ދެއްވިއެވެ.

comment ކޮމެންޓް