މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ރޭ އުރުގުއޭއިން ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު އިކުއެޑޯ ގާތުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭގައި ކުޅުނު އެ މެޗުން އުރުގުއޭއިން އިކުއެޑޯގެ މައްޗަށް ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. ވޭތުވެ ދިޔަ އަހަރުގެ ވޯލްޑްކަޕުގައި ލިބުނު ނާކާމީޔާބީއަށްފަހު އުރުގުއޭއިން ޓީމުގެ ސްކޮޑަށް ބަދަލުތަކެއް ގެނެސްގެން މިފަހަރުގެ މުބާރާތް ފެށި އިރު ރޭގެ މެޗުން ލިބުނު މޮޅަކީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މޮޅެކެވެ.
ރޭގެ މެޗު އެއްކޮށް ޑޮމިނޭޓްކޮށް އުރުގުއޭއިން މޮޅަށް ކުޅުނު އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހަ މިނަޓުގެ ތެރޭގައި އިކުއެޑޯގެ ގޯލު ފޫ އަޅުވާލައިފަ އެވެ. ނިކޮލެސް ލޮޑޭރޯގެ އެ ގޯލާ އެކު އެކުއެޑޯ ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. އެގޮތުން ލޮޑޭރޯއަށް ކުރި ފައުލަކާ ގުޅިގެން އިކުއެޑޯގެ ޑިފެންޑަރު ހޯސޭ ކުއެންޓެރޭސްއަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ.
އެއާ އެކު ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އިކުއެޑޯގެ ޑިފެންސަށް ބާރު ބޮޑުވެ އިތުރު އުނދަގޫތަކާ އެ ޓީމަށް ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭއިން ވަނީ އިތުރު ދެ ގޯލު ޖަހައި އެމީހުންގެ ލީޑު ތިން ގޯލަށް ފުޅާ ކޮށްފަ އެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ޕީއެސްޖީގެ އެޑިސަން ކަވާނީއާއި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ އިކުއެޑޯއިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. ބައި ކޮޅަށް އިތުރު ގޯލެއް ވަދުނަ ނުދީ ހިފަހައްޓަން އެ ޓީމުން މަސައްކަތް ކުރި ނަމަވެސް މެޗުގެ 78 ވަނަ މިނަޓުގައި އެ ޓީމުގެ އާތޫރޯ މިނާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.
ރޭގެ މެޗުން މޮޅުވި އުރުގުއޭ ދެން މި މުބާރާތުގައި ބައްދަލު ކުރަން ޖެހޭނީ ޖަޕާނާއެވެ. ޖަޕާނަކީ މި މުބާރާތަށް އިންވައިޓް ކުރެވިގެން އައި ޓީމު ތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.