މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. މަޑުއްވަރީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ރ. މަޑުއްވަރީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށައިފި އެވެ.

މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިއަދު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ރ. މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވިފައި ވަނީ 30,538,893.8 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ހަވާލު ކުރި މި މަޝްރޫގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ.

މި މަޝްރޫއުގެ ދަށުން ރ. މަޑުއްވަރީ ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.

ރ. މަޑުއްވަރީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ރ. މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އިތުރުން ބ. ދަރަވަންދޫ، ހދ. ނޮޅިވަރަންފަރު އަދި ށ.ފޯކައިދޫ ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ އެވެ.

ހިލޭ އެހީގެ ދަށުން ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މުޅި މަޝްރޫއަށް ޖީސީއެފްއިން ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364 ޑޮލަރު ދިވެހި ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް