ފުރަތަމަ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފަށައިގެން ކުރިއަށް ދަނީ

ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފަށާފައި ވަނީ އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަހާސިންތާގެ އަމާޒަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި އުނިކަންތަކާއި، ޕްރޮސެކިއުޓު ކުރުމުގައި ހުރި ދަތިކަންތައްތައް ދެނެގަނެ އެކަންތައްތައް ހައްލުކުރުމާއި، އެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް އެއް މޭޒެއްގެ ދޮށުގައި ނިޒާމާ ބެހޭ ކަންކަމޭ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ޕީޖީ އޮފީހުގެ ވަކީލުންނާއި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އޮފިޝަލުން މި މަހާސިންތާގައި ބައިވެރިވެއެވެ.

މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، ޖިނާއީ މައްސަލަތައް ޕްރޮސެކިއުޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޕީޖިއިން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ފައްކާކުރުމުގެ މަސައްކަތް. އަދުލު އިންސާފު ގާއިމުކުރުމުގައި ފުރިހަމައަށް ހަމަހަމަަކަން ގާއިމުކުރުމާއި ދެފުށް ފެންނަ، ދިވެހި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ގާއިމުކުރުން،"

"އަޅުގަނޑު ޔަގީންކުރަނީ، މި މަހާސިންތާ ނިމިގެންދާ އިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތް އަވަސްވެ، މި އޮފީހާއެކު ކޮންމެ ދުވަހަކު މަސައްކަތް ކުރާ މުއައްސަަސާތަކަށް މި އޮފީހާއެކު މަސައްކަތްކުރުމަށް ކުރިއަށް ވުރެ މާ ބޮޑަށް ފަސޭގަވެގެންދާނެ ކަމަށް،" ބިޝާމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރުންގެ މަހާސިންތާ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

comment ކޮމެންޓް