އައިޖީއެމްއެޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދުން ފެތުރިފައި

އައިޖީއެމްއެޗުގައި ދުން ފެތުރިފައި -- ފޮޓޯ/ ޕޮލިސް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އައިޖީއެމްއެޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:07 ހާ އިރު ކަމަށެވެ.

އެމްއެންޑީއެފުގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާން ރޯވީ އެ ހޮސްޕިޓަލުގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓަރިއެއްގައި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 10:21 ހާ އިރު އަލިފާންގަނޑު ކޮންޓްރޯލު ކޮށްފައިވާ ކަމަށާއި، އިމާރާތަށް ގެއްލުމެއް ނުލިބޭކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ކުރަމުން ދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ތަރުޖަމާނު އަބްދުލްމުމީތު "ސަން"އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް (އީއާރު)ގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް ދަންނަވަން ނޭނގޭކަމަށްވެސް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތައް ދައްކާ ގޮތުން އެ ހޮސްޕިޓަލުގެ އެތެރޭގައި ވަރަށް ބޮޑަށް ދުން ފެތުރިފައިވެއެވެ. ދުން ފެތުރިފައިވަނީ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމު ސަރަހައްދުގައެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުން ދުން އަރާތީ، އެމަޖެންސީ ރޫމްގެ ރެޑް ޒޯނުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް