ނުފޫޒާހުރެ ޖޭއެސްސީއަށް ޒިންމާ އަދާނުކުރެވޭ ކަމަށް އިއުތިރާފް ވެއްޖެ

ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން: ޖޭއެސްސީގެ ބައެއް މެމްބަރުން ވަނީ ޖޭއެސްސީން ޒިންމާއަދާ ނުކުރާ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޮމިޝަންގެ ޒިންމާ އަދާ ނުކުރާކަމަށް އެ ކޮމިޝަނުގެ ބައެއް މެމްބަރުން އިއުތިރާފް ވެއްޖެ އެވެ.

އެ ކޮމިޝަންގެ ބައެއް މެމްބަރުން ޖޭއެސްސީގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވާފައިވާއިރު، އެ ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ ކޮމިޝަންގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިރޭ ވަނީ، ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީއިން ހުށަހެޅި މައްސަލަތަކާއި ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅޭގޮތުން ސުވާލު ކުރުމަށް ޖޭއެސްސީގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ހަތަރު މެމްބަރަކު ޖޭއެސްސީގެ ޒިންމާއަދާ ނުކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޖޭއެސްސީ ރައީސް އަރީފު އެކަން ގަބޫލުފުޅު ނުކުރައްވަ އެވެ.

ކޮމިޓީގެ މެމްބަރު އަދި ހިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހްމޫދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖޭއެސްސީގެ ރައީސް ވިދާޅުވީ، އޭނާ ޖޭއެސްސީގެ މެމްބަރަކަށް އައިފަހުން ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ޖޭއެސްސީއަށް ފޯރުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

"ކޮމިޝަންގެ އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓުން ކޮމިޝަންގެ އެއްވެސް މެމްބަރަކަށް މަޖުބޫރު ކަމެއ ކުރުމަށް މަޖުބޫރު ކޮށްފައި ނޯންނާނެ، އެއްވެސް ކަމެއްގައި އެއްވެސް ގޮތަކަށް. ވަރަށް މިނިވަންކަމާއެކު ކޮމިޝަންގެ ވޯޓު ދިނުމާއި ހުރިހާ ކަމެއް ދާނީ" އަރީފު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކޮށް އަރުވަން ކެރޭ ކަމަކީ އަޅުގަނޑު ޖޭއެސްސީގެ މެމްބަރަކަށް އައިފަހުން ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވުމަށް މެންބަރުންނަށް އެއްވެސް ކަމެއް އަންގާފައި ނޯންނާނެ، ދަންނަވާފައި ނޯންނާނެ،"

ޖޭއެސްސީގެ ރައީސް އަރީފު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ޖޭއެސްސީގެ ދިފައުގައި ވާހަކަ ދައްކަވާފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖޭއެސްސީގެ ނައިބު ރައީސް، މަސްތޫރު ހުސްނީ ވިދާޅުވީ، މިހާތަނަށް އައިރު އާންމުން ކަންބޮޑުވާ ފަދައިން ޖޭއެސްސީގެ މަސްއޫލިއްޔަތުތައް އެ ކޮމިޝަނަށް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ކޮމިޝަނުގެ މެމްބަރުން ބަދަލުވެ މިހާރު ޖޭއެސްސީން ކުރަމުންދާ މަސައްކަތައް ބަލާއިރު، ޖޭއެސްސީއަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާ ކަމަށް މަސްތޫރު ފާހަގަ ކުރެއްވި އެވެ.

"[ހުށަހެޅުނު މައްސަލަތަކުގެ] ފަހުގެ ޑޭޓާތަކަށް ބަލައިއިރު، މިހާރު ޖޭއެސްސީން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އިތުބާރު ލިބެން ފަށައިފި،" ރައީސުލްޖުމްހޫރީއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މަސްތޫރު ވިދާޅުވި އެވެ.

ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު: އޭނާ ވިދާޅުވީ، ޖޭއެސްސީއަށް ހުށަހެޅުނު މައްސަލަތައް އިތުރުވެފައިވާ ކަމަށް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް މަދު ކަމަށާއި މިއަހަރު މިހާތަނަށް އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް އިތުރުވުމަކީ ރައްޔިތުން އެކޮމިޝަނަށް ކުރާ އިތުބާރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެމްބަރު އިބްރާހިމް ރިއްފަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ޖޭއެސްސީއަށް "އެކިއެކި ސިފަސިފައިގައި" ނުފޫޒު ފޯރުވާފައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، ފައިތުވި ހަ މަސް ދުވަހު ސުޕްރީމްކޯޓާއި ޖޭއެސްސީގެ ލިޔެކިޔުންތަކަށް ބަލާލި ނަމަަވެސް އެކަން އެނގިގެންދާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން އެބަހުރި ސިޓީ ބަދަލުކޮށް، ކަންތައްތައް ކުރުމަށް އަންގާފައި. އެއީކީ އެކަން ކުރެވިގެން ވާނެ ގޮތެއް ކަމަށް ގަބޫލެއް ނުކުރަން،" ރިފްއަތު ވިދާޅުވިއެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮމިޓީގައި ވާހަަކަ ދައްކަވަމުން ޖޭއެސްސީގެ މެމްބަރު އަދި ޖުވެނެލް ކޯޓުގެ ފަނޑިޔާރު މުހައްދު އީސާފުޅު ވިދާޅުވީ، ޖޭއެސްސީން ކަންކަން ކުރަމުން ދަނީ ހާމަކަން ބޮޑު ގޮތެއްގައި ނޫން ކަމަށާއި ކަންތައް ކުރަނީ ސިއްރުކޮށްގެން ފޮރުވުގެން ކަމަށެވެ.

"ޖޭއެސްސީގެ ޒިންމާ ރަނގަޅަށް އަދާ ކުރެވިފައި ނެތް. ކަަން ކަން ކުރަނީ ސިއްރުކޮށް ފޮރުވިގެން ކަންކަން ވަންހަނާކޮށްގެން ކަހަލަ އާދަކާދައެއްގައި. ކުރީގައި ދިޔައީ ރިކޯޑު ކުރެވުމުން ޖަލްސާތައް. ނަމަވެސް ވަކި ހިސާބަކުން ރިކޯޑް ނުކުރާގޮތަށް ފާސް ކުރީ،" ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީ އަށް އިންތިހާބުކުރި ފަނޑިޔާރު މުހައްމަދު އީސާފުޅު ވިދާޅުވި އެވެ.

"ޖޭއެސްސީގެ ޒިންމާ އަދާ ކުރެވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ފެންނަ ފަނޑިޔާރުގެއަށްވުރެ، މާ ފެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،"

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އީސާފުޅު ވިދާޅުވީ، ޖޭއެސްސީން ވަކި ގޮތަކަށް ވޯޓު ދިނުމަށް އެދި އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވާ ކަމަށާއި ފަނޑިޔާރުންގެ ޕާފޯމަންސް ގަވައިދަށް އޮތް ހުރަހުން ޖޭއެސްސީގެ މައްޗަށް ސުޕްރީމް ކޯޓުގެ ނުފޫޒު އޮތްވަރު ހާމަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީއަކީ ދުސްތޫރީ މުއައްސަސާއެއް ކަމަށާއި ޖޭއެސްސީން މަސްއުލިއްޔަތުތެރެއަށް އެހެން މުއަސަސާއަކަށްވަނުމުގެ ޖާގަ އޮވެގެން ނުވާނެ ކަމަށެވެ. ޖޭއެސްސީ ނުފޫޒުން އެއްކިބާވެ މިނިވަން މުއައަސަސާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާހައުލެއް މަޖިލިސް ލެވެލްގައި ކޮށްދިނުމަށް އޭނާ ކޮމިޓީގެ އަރިހުން އެދިވަޑައިގަތެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެމްބަރު ލަތީފާ ވިދާޅުވި ގޮތުގައި، ފަނޑިޔާރުގެ އިސްލާހުކުރުމަށް ޖޭއެސްސީ ހަރުދަނާކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖޭއެސްސީ ނުފޫޒުން އެއްކިބާވެފައިވާ ކޮމިޝަނަކަށް ހެދުން ކަމަށެވެ. އެއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ނަމަވެސް ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ލަތީފާ ވިދާޅުވި އެވެ. ލަތީފާ ވިދާޅުވީ، ކޮމިޝަންގެ މައްސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުންވެސް ފުޅާ ކުރަންޖެހޭ ކަމަށެވެ.

މިރޭ ކޮމިޓީގައި ކޮމިޓީގެ މެމްބަރުން ވަނީ، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖޭއެސްސީން ބޭނުންވާ ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ދެއްވާފަ އެވެ.

comment ކޮމެންޓް