ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވައުދުވުމުގެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށް ވައުދުވެ ވަޑައިގެންފި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް އިފްތިތާހްކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުޅަހެޔި ސިއްހަތެއްގައި ހުރުމަށް ކާބޯތަކެތީގެ މުހިއްމުކަން ކަށަވަރު ކުރުން މުހިއްމު ކަމަށެވެ. އަދި އެ ކަންތައްތަކަށް ހާއްސަ އިސްކަމެއްދޭންޖެހޭ ކަމަށެވެ.
"ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ 95 އިންސައްތައަކީ ބޭރުން އެތެރާކުރާ ތަކެތި. ކާބޯތަކެއްޗަށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާނަން. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނު އެކުލަވާލުމުގެ މަސައްކަތް،"
މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކުރުމަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ އެކަމަށް ހާއްސަ ދުވަހެއް ކަނޑައެޅުން ކަމަށެވެ.
"ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާ ކާބޯތަކެތި އުފައްދާ ފަރާތްތަކާ ދަނޑުވެރިކަން ކުރައްވާ ފަރާތްތަކާ އަދި ކެއިންބުއިމާ ގުޅޭތަކެތި އުފެއްދުމަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް ތައްޔާރުވެވަޑައިގަންނަވާ. އުސޫލުތައް ހަރުދަނާ ކުރުމަށާއި އެކަމަށް ބޭނުންވާ ގާނޫނީ ބާރު ގެނައުމަށް މަސައްކަތްކުރާނަން،"
ކާބޯތަކެތި ގަންނައިރު އެތަކެތި އުފައްދާފައިހުރި ގޮތާއި މުއްދަތު ހަމަވާ ތާރީހަށް ސަމާލުކަން ދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކާބޯތަކެތީގެ ގާނޫނު އެންމެ ފުރިހަމައަށް ތައްޔާރުކޮށް އެ ގާނޫނު ވީހާވެސް އަވަހަކަށް ވުޖޫދަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
އެ ދުވަހާ ގުޅިގެން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ކެމްޕޭން، ޕެނަލް ޑިސްކަޝަން، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް ތަކުގައި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އެކަމަށް ހޭލުންތެރިކުރުވުން ހިމެނެއެވެ. ޕެނަލް ޑިސްކަޝަން އޮންނާނީ މި މަހު ފަހުކޮޅުގައެވެ.
މިއަހަރަކީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް،"
ދުނިޔޭގެ ސިއްހަރު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. އޭގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެ އެވެ.