އައްޑޫ ސިޓީގެ ހިތަދޫގެ ފިހާރައެއްގެ ތިޖޫރީން ނެގި ފައިސާތައް ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ދަންވަރު އައްޑޫ ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރީ ވަގަށް ނަގައިފައިވަނީ މިދިޔަ މަހުގެ 31 ވަަނަ ދުވަހުއެވެ.
ފުލުހުން ކުރި މަސައްކަތުން އެ ދުވަހު އެ ތިޖޫރީ އެއްލާލައިފައި އޮއްވާ ހޯދިއިރު އެއްވެސް ފައިސާއެއް ނެތެވެ. އޭރު އެ ތިޖޫރީގެ ދޮރު އޮތީ ހަލާކުކޮށްލައިފައެވެ.
ވަގަށް ނެގި ތިޖޫރީގެ ތެރޭގައި 1،200 ޑޮލަރު އަދި 27،000 ރުފިޔާ ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ފެނިފައިވާއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
ފެނުނު ތިޖޫރީގެ ފޮޓޯއެއް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. ތިޖޫރީ އޮތީ އޭގެ ދޮރު ހަލާކު ކޮށްލައިގެން އޭގައި ހުރި ފައިސާ ނެގުމަށް ފަހު އެއްލާލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ތިޖޫރީގައި ހުރި 1،200 ޑޮލަރު އަދި 27،000 ރުފިޔާ މިހާރު ހޯދައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 19،26 އަދި 30 އަހަރުގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ތިން މީހުންގެ ބަންދަށް ހިތަދޫގެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.