މިހާރު ފެށިފައިވާ ސަމާ ޓްރާންސްފާ މާކެޓުގައި އެންމެ ޑިމާންޑު ބޮޑު ދެ ކުޅުންތެރީން ކަމަށްވާ އަޔެކްސްގެ ޑިފެންޑަރު މެތިއަސް ޑެ ލީހްއާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން ވެސް ޕީއެސްޖީއާ ގުޅޭނެ ކަމަށް ގިނަ ރިޕޯޓްތަކުން ބުނެފި އެވެ.
ނިމިގެން މިދިޔަ ސީޒަނުގައި އަޔެކްސްއާ އެކު ޑަޗް ލީގާއި ލީގު ކަޕު ކާމިޔާބު ކުރުމުގެ އިތުރުން އަހަރު ތަކަކަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ޓީމު ގެންދިޔުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޓީމުގެ ކެޕްޓަން ޑެ ލީޚް ވަނީ އެ ކުލަބު ދޫކޮށްލާފައިވާ ކަން އިއުލާން ކޮށްފަ އެވެ. އޭނާ އެކަން އިއުލާން ކުރުމާ އެކު ޔޫރަޕުގެ ބޮޑެތި ބާރުތަކުން ވަނީ އެލާޓަށް އައިސްފައެވެ.
އެގޮތުން ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އަދި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޕީއެސްޖީ ވެސް ވަނީ ޑެ ލީޚް އެކުލަބުތަކަށް ގެންދަން މަސައްކަތް ފަށައިފަ އެވެ. އަދުގެ މާކެޓަށް ބަލައި އެ ފެންވަރުގެ ކުޅުންތެރިއެއްގެ އަގު 100 މިލިއަން ޕައުންޑުން މަތީގައި އުޅޭ އިރު ރިޕޯޓްތަކުން ބުނާ ގޮތުގައި ޑެ ލީޚް ގުޅުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީއާ އެވެ.
ފްރާންސްގެ ނޫހެއް ކަމަށްވާ ޖިއަން ލޫކާ ޑެ މާޒިއޯއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އަޔެކްސްގެ ޑިފެންޑަރު ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާ ގުޅުމާ ވަނީ ވަރަށް ގާތް ވެފަ އެވެ. އަދި ޑެ ލީޚްގެ އެޖެންޓް ވަރަށް އަވަހަށް ފްރާންސަށް ގޮސް އެކަން ހަމަޖައްސާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ދާދި ފަހުން ޑެ ލީޚް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަންނަ ސީޒަނުގައި ކުޅޭނެ ވަކި ކުލަބެއް އަދި ނުނިންމާ ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނޭޝަންސް ކަޕުގެ ފައިނަލުން ނެދަލެންޑު ބަލިވި މެޗަށް ފަހު ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ޑެ ލީޚް އެކުލަބަށް ގެންދިއުމަށް އޭނާއާ ވާހަކަ ދައްކާފަ އެވެ.
މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑާ އެކު ފަސް އަހަރު ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު އެ ކުލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފައިވާ ގްރީޒްމަން ވެސް ވަނީ ޕީއެސްޖީއާ ގުޅެން އުޅޭ ކަމުގެ "ޔޯލަ" ވާހަކަތައް ފެތުރިފަ އެވެ.
ރޭ ޔޫރޯ ކޮލިފައިންގައި އެންޑޯރާއާއި ފްރާންސް ވާދަކުރި މެޗުން 0-4 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި އިރު މޮޅު ކުޅުމެއް ދެއްކި ގްރީޒްމަން މެޗަށް ފަހު ބުނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޭނާ ދާނެ ކުލަބެއް ނިންމާނެ ކަމަށެވެ.
"ސްޕެއިންގައި މަޑު ކުރާނެ ކަމެއް އަދި ނޫން ކަމެއް ޔަގީނެއް ނޫން. އަވަސް އަރުވާލައިގެން ކުލަބެއް ހޯދާކަށް ނޫޅެން. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދާނެ ކުލަބެއް އިއުލާން ކުރާނަން."
ގްރީޒްމަން ވަނީ މި ނިމުނު ސީޒަނުގައި އެތުލެޓިކޯ މެޑްރިޑަށް 21 ގޯލު ޖަހައިދީ ސްޕެނިޝް ލީގުގެ ދެވަނަ އެ ޓީމަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.