ދުވާފަރު ފުޓްސަލް ޗެލެންޖް 2019: ޕޮލިސް ޓީމް ބަލިކޮށް އިލަވަން އެޓޭކާސް ފައިނަލަށް

ދުވާފަރު ޗެލެންޖު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ ދުވާފަރު ޔޫތް މޫމެންޓް

ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ. ދުވާފަރުގައި މިހާރު ކުރިއަށްދާ ދުވާފަރު ފުޓްސަލް ޗެލެންޖްގައި މިއަދު ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް އިލަވަން އެޓޭކާސް މުބާރާތުގެ ފައިނަލް ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއަދުގެ މެޗް އިލަވަން އެޓޭކާސް ކާމިޔާބުކުރީ ދުވާފަރު ޕޮލިސް ޓީމާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އި ލަވަން އެޓޭކާރސް ގެ ޖާޒީ ނަންބަރު 10 އިސްމާއީލް ނިޔާޒުއެވެ.

ދުވާފަރު ޗެލެންޖު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ/ ދުވާފަރު ޔޫތް މޫމެންޓް

މިމޮޅާއެކު އިލަވަން އެޓޭކާރސް ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗުންވެސް މޮޅުވެގެން ހަޕޮއިންޓް ހޯދައިގެންނެވެ. އަދި މިއަދުގެ މެޗުން ބަލިވުމުން ޕޮލިސް ޓީމް ވަނީ މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ސޭވްތަކެއްކުރި އިލަވަން އެޓޭކާރސްގެ ކީޕަރ އިބްރާހީމް އަބްދުالله އެވެ.

މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޑާރކްޕާރކާއި ސިލްވަރ ޔުނައިޓެޑެވެ. މިމެޗް ނިމުނީ 2-2 އެއްވަރުވެގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ބަލާލަން ރީތި ކުޅުމެއް ފެނި ގެން ދިޔައެވެ. މިމެޗުގައި މޮޅަށް ކުޅެ ފުރަތަމަ ލީޑުނެގީ ސިލްވަރ ޔުނައިޓެޑުންނެވެ. އެގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 21 އިބްރާހީމް އަޔާޒުއެވެ.

ސިލްވަރ ޔުނައިޓެޑް ގޯލް ޖަހާފައި މާގިނައިރުތަކެއް ނުވަނީސް ޑާރކްޕާރކުން ވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ޙަސަން ޝުޖާއު (އޯކޭ) އެވެ.

ދެވަނަ ހާފްގައި ވަރުގަދަޢަށް ސިލްވަރ ޔުނައިޓެޑް ފަށައިގެން މެޗުގެ ކުރީކޮޅު އެޓީމުގެ ޖާޒީ ނަންބަރު 20 އިބްރާހީމް އަޒްމޫން ގޯލެއް ޖަހާ މެޗުގައި ދެވަނަ ފަހަރަށް ސިލްވަރ ޔުނައިޓެޑަށް ލީޑު ހޯދައިދިނެއެވެ. ނަމަވެސް އޭގެ ހަތްމިނެޓް ފަހުން ޑާރކްޕާރކްއިން އުފެއްދި މޮޅު ހަމަލާއަކުން އެޓީމް ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކުރިއެވެ.

މެޗުގައި ދެޓީމުންވެސް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ދެޓީމުގެ ކީޕަރުންގެ ފަރާތުން ވަނީ އާދަޔާ ޚިލާފު ހުނަރުވެރި މޮޅު ކުޅުމެއް ފެނިފައެވެ. މިމެޗު ނިމިގެން ދިޔައީ މިނަތީޖާގައި އޮވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ ޑާރކްޕާރކްގެ ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ އެވެ.

މިމުބާރާތުގައި މާދަމާ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް އޮންނާނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ޓީމް އަދި ސިލްވަރު ޔުނައިޓެޑްއެވެ. ދެވަނަ މެޗު، އަދި މުބާރާތުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ އިލަވަން އެޓޭކާރސް އަދި ޑާރކް ޕާރކްއެވެ.

ޕޮލިސް ޓީމް މުބާރާތުން ކަޓާފައިވީނަމަވެސް ޑާރކްޕާރކް އަދި ސިލްވަރ ޔުނައިޓެޑަށް މުބާރާތުގެ ފައިނަލް ދަތުރުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން މާދަމާ ކުޅޭ މެޗުތަކަކީ ފޯރިގަދަ މެޗުތަކެއް ކަމުގައި ވާނެއެވެ.

comment ކޮމެންޓް