ރިސޯޓުތަކުގެ ބޭނުމަށް ވެލި ނެގުމުގެ އުސޫލު އުވާލަން ނިންމައިފި

ކ. އެނބޫދޫފަޅުގައި ތަރައްގީ ކުރާ ޓޫރިޒަމް މަޝްރޫއު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދިކުރުމަށް ވެލި ނެގުމާ ގުޅޭ ގޮތުން އޮންނަ އުސޫލު އުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މި އުސޫލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ދުވަސްވަރުގައި. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި ތަންފީޒުކުރަން ފެށި އުސޫލެކެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އުސޫލަކީ ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެ ރިސޯޓެއްގެ އިހުތިސޯސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.

"ނަމަވެސް ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިންމު މާހައުލެއް ކަމުން ފަޅުތައް ހިމާޔަތްކުރުމުގެ ގޮތުން، މި ފިޔަވަޅު މުހިންމުވެގެން ދާނެކަމަށް މި މިނިސްޓްރީން ދެކެމެވެ،" ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް އިސްކަން ދީގެން ގައުމު ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު އެއް ފަލްސަފާ ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި މިނިސްޓްރީން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ކުރީގެ ސަރުކާރުން އެކުލަވާލި އެ އުސޫލުގައި އޮތް ގޮތުން ވެލި ނެގުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ. އަދި އެ ވެލި ބޭނުންކުރެވޭނީ ހަމައެކަނި ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ވެލި އެޅުމަށާއި ވެލިން މުއްސަނދިކުރުމަށް ކަމަށް އެ އުސޫލުގައި އޮތެވެ.

https://sun.mv/98740

އުސޫލުގައި އޮތް ގޮތުން، ވެލި ނެގުމަށް ހުށަހަޅާފައިވާ ތަންތަނުގެ ތެރެއިން ތަނެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާއިރު ހަ ޝަރުތެއް ފުރިހަމަ ވޭތޯ ބަލަން ޖެހެނެއެވެ.

އޭގެ ތެރޭގައި ވެލިނަގާ ފަޅަކީ ތަރައްގީކުރަމުންދާ ރިސޯޓްތަކާ ދުރުގައިވާ ފަޅަކަށްވުން ހިމެނެއެވެ. މީހުން ދިރިއުޅޭ ރަށްރަށާ ދުރުގައި ވަކިން އޮންނަ ފަޅަކަށް ވެސް ވާންޖެހެ އެވެ. ވެލި ނެގުމަށް ހުށަހަޅާފައިވާ ފަޅަކީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވެގެން ނުވާނެ އެވެ. ގުދުރަތީގޮތުން ވެލީގެ މުއްސަނދިކަން ލިބިފައިވާ ފަޅަކަށް ވާން ޖެހެ އެވެ.

އުސޫލުގައި އޮތް ގޮތުން، ޓޫރިސްޓް ޕްރޮޕަޓީއަކުން އެތަނުގެ ގޮނޑުދޮށް ހިމާޔަތްކޮށް ވެލިން މުއްސަނދިކުރުމަށް ނަގާ ކޮންމެ ކޮޑި (ކިއުބިކް) މީޓަރެއްގެ ވެއްޔަށް ތިން ޑޮލަރު ނަގާނެ އެވެ. އެ އަގު ދައްކަން އޮތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށެވެ.

comment ކޮމެންޓް